ތާރީޚުން ޢިބުރަތް ހޯދައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަން މަސައްކަތްކުރަންޖެހޭ: ސިޔާމް

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ/ އަހްމަދު ސައީދު

ތާރީޚުން ފެންނާން އޮތް މަންޒަރުތަކުން ޢިބުރަތް ހޯދައި، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހާދިސާތަކުން ފިލާވަޅު ހާސިލުކޮށް، މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ރައްޔިތުން ގުޅިގެން މަަސައްކަތްކުރަން މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު ގޮވައިލައްވައިފިއެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބެއްގައި ސިޔާމް ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށްޓަކައި، ދީނާއި ކަރާމާތް ހިމާޔަތްކުރެއްވުމަށް ޓަކައި، ޖިހާދު ކުރައްވައި ޝަހީދުވި އަބުޠާލުންގެ ނަންފުޅުތައް ދިވެހިންގެ ތާރީޚުގައި ވަނީ ރަން އަކުރުން ފަވާލެވިފައިވާ ކަމަށެވެ.

"އެއީ، ކަނޑުގެ ބާޒުގެ ގޮތުގައި މުޅި ދުނިޔެއަށް އެދުވަސްވަރު މަޝްހޫރުވި ޕޯޗުގީޒުންނާއި ހަނގުރާމަކުރައްވާ ހަ ވަނަ ޢަލިރަސްގެފާނު ކުރެއްވި ހަނގުރާމައިގައި އެރަދުން ޝަހީދުވުން ކަމަށްވިޔަސް، ބޮޑުތަކުރުފާނު ޕޯޗުގީޒުން ދިވެހިރާއްޖެއިން ފައްސާލުމަށް ކުރެއްވި މަސައްކަތްޕުޅުގެ ތެރޭގައި އެތަކުރުފާނުގެ އަޚު ޢަލިތަކުރުފާނު ޝަހީދުކޮށްލުން ކަމަށް ވީނަމަވެސް، މަލާބާރީން ޝަހީދުކުޅަ އައްސުލްޠާން އިބްރާހީމް ކަލާފާނު ކަމަށް ވީނަމަވެސް، އަދި ދިވެހި ޚާއިނުންތަކަކާއި ތަމަޅަ ކުލީ ސިފައިން މާލެއަރައި
ދިން އުދުވާނީ ހަމަލާގައި ޝަހީދުވެގެންދިޔަ ސިފައިންގެ ބޭކަލުންނާއި ޢާންމުން ކަމަށްވިޔަސް، މިފަދަ އަގުހުރި ބަޠަލުންގެ ހަނދާން އައުކުރުމަކީ އަޅުގަނޑުމެން ދިވެހިންގެ މައްޗަށް ލާޒިމު ކަމެކެވެ،" ސިޔާމް ވިދާޅުވިއެވެ.

އިތުރަށް ސިޔާމް ވިދާޅުވީ ޝަހީދުންގެ ދުވަހެއް ފާހަގަކުރަމުންމިދާ ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ސިޔާސަތުތައް އެކަށައަޅަންވާނީ، ޤައުމު މި ހަލަބޮލި ކަނޑުގައި، ފުރޮޅުނަ ނުދީ ބޭއްވެވުމަށް ޤައުމީ އަބްޠާލުން ކުރެއްވި ޖިހާދުތަކުގެ ޢަލީގައި ސަލާމަތް މުސްތަޤުބަލެއް ލިބިފައި އޮންނާނެ ގޮތެއް ހެދުމަށް ޓަކައި ކަމަށެވެ. ހަމައެއާއެކު، ޤައުމުދެކެ ލޯބިވާ، ޤައުމާއިމެދު ފަޚުރުވެރިވާ ދަރިންތަކެއް އުފެއްދުމަށް މަސައްކަތް ކުރުމަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތާރީޚުން ފެންނާން އޮތް މަންޒަރުތަކުން ޢިބުރަތް ހޯދައި، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހާދިސާތަކުން ފިލާވަޅު ހާސިލުކޮށް، މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ރައްޔިތުން ގުޅިގެން މަަސައްކަތްކުރަން އެހެން ނޫނީ، މާޒީގައި އަޅުގަނޑުމެން އިހުސާސް ކުރަން ޖެހުނު ހިތްދަތިކަމުގެ އަސަރު، އަލުން އަޅުގަނޑުމެންގެ އަރުތެރޭގައި ލުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް