ޖަޕާނަށް މިއަދު ހަވީރު ބިންހެލުމެއް އައިސްފި

ޓޯކިޔޯ (މާޗް 14) : ޖަޕާނުގެ އުތުރަށް މިއަދު ހަވީރު ބިންހެލުމެއް އަތުވެއްޖެވެ. ރެކްޓަރ މިންގަނޑުން 6.8 ގެ ބާރުމިނުގައި މި ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ އުތުރުގެ ހޮކައިޑޯ ޕްރޮވިންސަށެވެ.

މިބިންހެލުމުގެ ލޮޅުން އެންމެބޮޑަށް އަރާފައިވަނީ ހޮކައިޑޯގެ ކޮޝީރޫ ސިޓީ އަށެވެ. މިއީ ވެރިރަށް ޓޯކިޔޯގެ އިރުއުތުރުން 736 ކިލޯމީޓަރުގެ ދުރުގައިވާ ރަށެކެވެ. ބިންހެލުންއައީ މިރަށުގެ ބިމުގެ އަޑިން 26 ކިލޯމީޓަރު ފުނަށް ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭއާބެހޭ މަރުކަޒުން ބުނެ އެވެ.

ނަމަވެސް ޖަޕާނުގެ މިޓޮއޮރޮލޮޖިކަލް އެޖެންސީ ބުނާގޮތުން ބިންހެލުމުގެ މަރުކަޒުހުރީ ހޮކައިޑޯގެ އައްސޭރިފަށުން 210 ކިލޯމީޓަރު ބޭރުގައި ކަނޑުގެ އަޑިން 10 ކިލޯމީޓަރުގެ ފުނުގައި ކަމުގަ އެވެ.

މިބިންހެލުމާ ގުޅިގެން އެއްވެސް މީހަކަށް އަދި ތަނަކަށްވެސް ގެއްލުމެއް ލިބިފައިވާކަން އަދި އެނގިފައެއް ނުވެއެވެ. މިބިންހެލުމާގުޅިގެން ސުނާމީ ބޮޑު ރާޅެއް އުފެދިދާނެ ކަމުގެ އިންޒާރު ޖަޕާނުގެ މިޓޮއޮރޮލޮޖިކަލް އެޖެންސީން ވަނީ ދީފަ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ 11 ވަނަ ދުވަހު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި އެއާއެކު އައި ސުނާމީގައި 26 ހާސް މީހުން މަރުވެ 3 ހާހެއްހާ މީހުން ގެއްލި 210 ވަރަކަށް ބިލިޔަން ޑޮލަރުގެ މާއްދީ ގެއްލުންތަކެއް ޖަޕާނަށްވަނީ ލިބިފަ އެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު