ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުތަކުގައި އިމާރާތް ކުރާ ފްލޯޓިން ރަށްތަކުން ކުލި ނަގާނެ ގޮތް ކަނޑައަޅައި، އާންމުކޮށްފިއެވެ.
މިދިޔަ މަހުގެ 27ވަނަ ދުވަހު ގެޒެޓުގައި ޝާއިއު ކުރި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޭ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދުގައި ވާގޮތުން، އެފަދަ ރަށްތައް ވެސް ފަޅުގެ ލޭންޑް އޭރިއާގެ ގޮތުގައި ގުނޭނެއެވެ.
ފްލޯޓިން ރަށްތަކުގެ ލޭންޑް އޭރިއާ ހިސާބުކުރާނީ ކަނޑުގެ ލޮނުގަނޑުގައި ބީހޭ ހިސާބުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެ އުސޫލުގައި ވެއެވެ.

ޑަކް ޑޮކްލެންޑްސްއިން ތަރައްގީކުރާ މޯލްޑިވްސް ފްލޯޓިންގް ސިޓީގެ ރެންޑަރިންތަކެއް --- ފޮޓޯ: މޯލްޑިވްސް ފްލޯޓިންގް ސިޓީ
މި ގަވާއިދު އާންމުކޮށްފައި މިވަނީ މާލެއާއި ކައިރީ އޮންނަ ފަޅެއްގައި ފްލޯޓިން ސިޓީއެއް ހެދުމަށް ޑަޗް ޑޮކްލޭންޑްސް ކިޔާ ކުންފުންޏަކާއި ހަވާލުކޮށްފައި ވަނިކޮށެވެ. އެ މަޝްރޫއުގެ ފުރަތަމަ 5000 ގެ އެޅުމަށް މިހާރު ވަނީ ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފައެވެ.
ޑަޗް ޑޮކްލޭންޑްސްއާ މި މަޝްރޫއު ހަވާލުކުރި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން، 2010ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެ ކުންފުންޏާ އެކު ވަނީ ފްލޯޓިން ސިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެއަށްފަހު ބޭރުގެ ބައެއް ނޫސްތަކުގައި، 2015 ވަނަ އަހަރު މި މަޝްރޫއުގެ ޚަބަރުތައް އަނެއްކާވެސް ފެތުރުނެވެ. ނަމަވެސް އެ މަޝްރޫއަށް ވީ ގޮތެއް މިހާތަނަށްވެސް ސާފުވެފައެއް ނުވެއެވެ.