ކޮމެންވެލްތު ގޭމްސްއަށް ތައްޔާރުވާން އެތުލެޓިކްސްއިން ސްކޮޑު އެކުލަވާލައިފި

ސައުތް އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން އެއްވަނަ ހޯދުމަށްފަހު ސާއިދު ދިވެހި ދިދައާ އެކު --- ފޮޓޯ// އެމްއޯސީ

މި އަހަރު އިނގިރޭސިވިލާތުގައި އޮންނަ ކޮމަންވެލްތު ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން 12 ދުވުންތެރިންގެ ސްކޮޑެއް އެކުލަވާލައިފިއެވެ.

އެތުލެޓިކްސްގެ ދުވުންތެރިންގެ މި ސްކޮޑު އެކުލަވާލާފައިވަނީ މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު މާލެ އާއި އަތޮޅު ތެރޭގައި ބޭއްވި ޓައިމް ޓްރައަލްގެ ނަތީޖާތަކަށް ބެލުމަށްފަހުއެވެ.

މި ސްކޮޑުގައި ހިމެނޭ ފިރިހެން ފަސް އެތުލީޓުންނަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އިބާދުﷲ އާދަމް، އަހުމަދު ވިސާމް، ހުސައިން ރިޒާ، އިބްރާހީމް ނާހިލް ނިޒާރުއެވެ. އަންހެން އެތުލީޓުންނަކީ މަރިޔަމް ރޫޔާ އަލީ، އައިޝަތު ހިމްނާ ހަސަން، ސާރާ މަސްޢޫދު، އައިޝަތު ޝަބާ ސަލީމް، މަރިޔަމް އަލްޙާ ހުސައިން، އާމިނަތު ލަޔާނާ މުހައްމަދު އަދި ރިފާ މުޙައްމަދެވެ.

ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ބައިވެރިވީ 1986 ގައެވެ. ނަމަވެސް 2016 ވަނަ އަހަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން އޭރު ނިންމުމާއެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެއަށް ގެއްލުނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަލުން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވިއިރު، މިއީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރިއެވެ. އެއާއެކު ރާއްޖެ އަލުން ކޮމަންވެލްތު ގޭމްސްގައި ބައިވެރިކުރިކަން އެންގީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ.

comment ކޮމެންޓް