ދެ މެންބަރުންނާއެކު ރައީސް ނަޝީދު މޯލްޓާއަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ސަންފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިރޭ މޯލްޓާއަށް ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ، މޯލްޓާގައި ބާއްވާ "ފޯރަމް ފޯ ކަލްޗާ އެންޑް ޕީސް"ގައި ބައިވެރިވުމުގެ ދައުވަތު މަޖިލީހަށް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން، މި ބައްދަލުވުމުގައި ބައިވެރިވުމަށް މަޖިލީހުގެ އިތުރު ދެ މެންބަރުންނާއެކު އެ ގައުމަށް މިރޭ ފުރާވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އަރިހުގައި ވަޑައިގަންނަވާނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމާއި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އާދިއްތަ ދުވަހު އެނބުރި ވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު މިރޭ [މޯލްޓާ]އަށް ފުރާ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ އާދިއްތަ ދުވަހު އެނބުރި އާދެވޭނެ. މި ދަތުރުގައި ގިނައިން އޮތީ ދަތުރުކުރުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި މަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ކުރިއަށްދާ ފޯރަމަކީ، ޢަބްދުލްއަޒީޒް ސައުދު އަލްބަޓައިން އިން އިންތިޒާމު ކުރާ މިފަދަ ދެވަނަ ފޯރަމެވެ. މި އަހަރުގެ ފޯރަމްގެ މައުޟޫއަކީ "ލީޑާޝިޕް ފޯ ޖަސްޓް ޕީސް" އެވެ.

މި އަހަރުގެ ބައްދަލުވުމުގައި، "ލީޑާޝިޕް ފޯ ޖަސްޓް ޕީސް"ގެ ޕްލޭންތައް ހެދުމާއި، ލީޑާޝިޕްގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަޢުލީމީ ޕްރޮގްރާމްތަކާއި، ޖޮއިންޓް އިނީޝިއޭޓިވްތައް ތަންފީޒުކުރުމުގައި ބައިނަލްއަގްވާމީ މުޖުތަމައުން އަމަލުކުރަންވީ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ.

comment ކޮމެންޓް