34 އަހަރަށްފަހު ހުރާ ރައްޔިތުންގެ އިންޖީނުގެ ފެނަކައިގެ ދަށަށް

ކ. ހުރާގެ އިންޖީނުގެ އާއި ފެނާއި ނަރުދަމާ ނިޒާމު ބަލަހައްޓައި ހިންގުމަށް ފެނަކައާ ހަވާލުކުރަނީ --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ތިރީސް ހަތަރު އަހަރަށްފަހު ކ. ހުރާ ރައްޔިތުންގެ އިންޖީނުގޭގެ ހިންގުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

ހުރާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އިންޖީނުގޭގެ އިތުރުން އެރަށުގެ ފެނާއި ނަރުދަމާ ބެލެހެއްޓުން ވެސް ވަނީ ފެނަކައާ ހަވާލުކޮށްފައެވެ.

އިންޖީނުގެއާ ހަވާލުވުމަށްފަހު އިންޖީނުގޭގެ ވަޒީފާގައި މިހާރު ތިބި މުވައްޒަފުންނަށް ފެނަކައިގެ ވަޒީފާ ހަމަޖެއްސި ކަމުގެ ލިޔުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދު މުޙައްމަދު ވަނީ ހަވާލުކޮށްދެއްވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުރާ ކައުންސިލްގެ ރައީސް ޢީސާ އަޙްމަދު ވިދާޅުވީ ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކުގެ މައްޗަށް ލާޒިމްކުރާ ކަމެއްކަމަށެވެ.

"އޭގެ މާނައަކީ ކައުންސިލުން ކަރަންޓު ދޭށެކޭ ނޫން. އެ ޚިދުމަތް ގާއިމްކޮށްދިނުމަކީ ކައުންސިލުގެ މައްޗަށް ލާޒިމުކަމެއް. އެހެންވީމަ އަޅުގަނޑުމެން މިރޭ މި ފުރިހަމަކުރީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވާކަމެއް. ކަށަވަރު ކޮށްދިނީ ރައްޔިތުންނަށް ފެނާއި ނަރުދަމާ އަދި ކަރަންޓު ހުރާއިން ހުރާ ރައްޔިތުންނަށް ލިބޭނެކަމަށް،" އޭނާ ވިދާޅުވިއެވެ.

ހުރާ އިންޖީނުގޭގެ މުވައްޒަފަކަށް ފެނަކައިން ވަޒީފާ ހަމަޖެއްސިކަމުގެ ލިޔުން އެމްޑީ ސަޢީދު ހަވާލުކޮށްދެއްވަނީ ---- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ކައުންސިލްގެ ރައީސް ވިދާޅުވީ މިހާރު ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދޭ ރޭޓުގައި ފެނަކައިން ވެސް ރައްޔިތުންނަށް އެ ޚިދުމަތް ފޯރުކޮށްދޭނެކަމަށެވެ. އަދި އިންޖީނުގެއާ ފެނަކައިން ހަވާލުވުމަށްފަހު ރަށުގެ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިވެގެން ދާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ފެނަކައިން މުއައްޒަފުން ނެގުމުގަ އެއްވެސް ސިޔާސީ ކަމަކަށް ނުބަލާނެ ކަމަށް. ކޮންމެ ޕާޓީއަކަށް ވިޔަސް، ކޮންމެ މީހެއްގެ ދަރިޔަކަށް ވިޔަސް އެ ފުރުސަތު އޮންނަންވާނެ،" އޭނާ ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކައުންސިލުން އިންޖީނުގެ ހިންގީ ގެއްލުމުގައިވިޔަސް އެކަމަށް ވެސް މިއަދު ހައްލެއް ލިބިއްޖެކަމަށް ޢީސަ ވިދާޅުވިއެވެ.

ހުރާ ކައުންސިލްގެ ރައީސް ޢީސާ އަޙްމަދު އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ ---- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ހުރާގައި 1987 ވަނަ އަހަރުން ފެށިގެން މުޅިން އަލަށް ކަރަންޓުގެ ޚިދުމަތް ދޭންފެށީ ރައްްޔިތުންގެ ބުރަ މަސައްކަތުންނެވެ. ދިހަ ކިލޯގެ ވޮޓްގެ ޖަނަރޭޓަރަކުން ފެށި އެ މަސައްކަތް ހަތަރު ފަހަރެއްގެ މަތިން އަޕްގްރޭޑް ކުރީ ރައްޔިތުންގެ އެހީ އާއި ކައުންސިލުގެ ފައިސާއިންކަން އެރަށު ކައުންސިލުން ފާހަގަކުރިއެވެ.

ފެނަކައިގެ އަމާޒަކީ އެކުންފުނިން ޚިދުމަތްދޭ އެހެން ރަށްރަށުގައި ވެސް ގާއިމް ކުރަމުން ދާފަދަ ފުރިހަމަ އިންޖީނުގެއަކާއި އޮފީސް އިމާރާތެއް އަދި ކަރަންޓު ފޯރުކޮށްދެވޭފަދަ ވަރުގަދަ ކަރަންޓު ވިއުގައެއް ހުރާގައި ގާއިމުކޮށްދިނުމެވެ. ޖުމްލަ 27 މިލިއަން ރުފިޔާގެ އަގުހުރި އެ މަސައްކަތް ކުރިއަށް އޮތް 10 މަސްދުވަސްތެރޭ ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން ހުރާގެ ނަރުދަމާގެ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނައުމުގެ މަސައްކަތް މިއަހަރުތެރޭ ފަށައި، ރައްކާތެރި ބޯފެން ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

އެގޮތުން ސާފު ބޯފެން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް އޮތް 10 މަސްތެރޭގައި ޖުމްލަ 21 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހުރާގައި 250 ޓަނުގެ އާރޯ ކެޕޭސިޓީއެއް ގާއިމްކޮށް، 3،000 ޓަނުގެ ފެން ރައްކާކުރެވޭނެ ވަސީލަތެއް ފެނަކައިން ގާއިމްކޮށްދޭނެއެވެ.

މީގެއިތުރުން، މިއަހަރު ނިމުމުގެ ކުރިން ބޯފެން ރައްކާކުރާނެ ނިޒާމެއް ގާއިމްކޮށް ޑިސްޕެންސާ ބަހައްޓައިގެން ގޭގެއަށް 18 ލީޓަރުގެ ފެންފުޅި ފޯރުކޮށްދިނުމުގެ އިންތިޒާމު ފެނަކައިން ހަމަޖައްސައިދޭން ވެސް ވަނީ ނިންމާފައެވެ. އަދި ކައިރި މުސްތަގުބަލެއްގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ނިޒާމެއް ހުރާގައި ގާއިމް ކުރުމުގެ މަސައްކަތް ފަށަން ފެނަކައިން ނިންމާފައިވާކަން އެރަށު ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް