އިންގިލާބީ ކުރިއެރުމެއް: އެސްޓީއޯއިން ތެޔޮ ޓެސްޓުކުރާ ލެބެއް ހުޅުވައިފި

އެސްޓީއޯގެ ފިއުލް ޓެސްޓިން ލެބް ހުޅުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރި ފިއުލް ޓެސްޓިން ލެބް މިއަދު އެސްޓީއޯއިން ހުޅުވައިފިއެވެ.

މިއަދު އެސްޓީއޯ ޓްރޭޑް ސެންޓަރުގައި އޮތް ރަސްމިއްޔާތެއްގައި މި ލެބް ހުޅުއްވައިދެއްވީ އެ ކުންފުނީގެ ޗެއާމަން ޙާމިދު ނަޝީދު މުޙައްމަދާއި ބޯޑު މެންބަރު އާމިނަތު ރުޝްމާއެވެ.

މި ލެބްގެ ހިންގުން ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ޖީއީއޯ ކޭމް އާއެވެ. އެއީ މި ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

އެސްޓީއޯގެ ފިއުލް ޓެސްޓިން ލެބް ހުޅުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު ހައްޔާން

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ މި ލެބުން ރާއްޖެއަށް އެތެރެކުރާ ޕެޓްރޯލާއި، ޑީސަލް އަދި ޖެޓް ފިއުލް ވެސް ޓެސްޓު ކުރެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ ތެލުގެ ކޮލިޓީ ހިފެހެއްޓުމަށް ފަސޭހަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޔަގީން ކުރެވޭނެ ރާއްޖެއަށް އެތެރެކުރާ ތެލަކީ މިއީ ބޭނުން ކުރަން އެންމެ ކަމުދާ އަދި ތިމާވެއްޓަށް އެންމެ ރަނގަޅު ތެޔޮކަން ވެސް،" އަމްރު ވިދާޅުވިއެވެ.

ފެންވަރު ދެރަ ތެޔޮ އެތެރެވުމުގެ ދޮރުތައް ބަންދު

ތަރައްގީ ވެފައިވާ ގިނަ ގައުމުތަކަކީ އެ ގައުމުތަކަށް އެތެރެކުރެވޭ ތެލުގެ ފެންވަރުގެ ވަކި މިންގަނޑެއް ކަނޑައަޅާފައިވާ ގައުމުތަކެވެ. އެހެންކަމުން، އެގައުމުތަކަށް އެތެރެ ކުރެވޭ ވަރަށް ވުރެ ފެންވަރު ދަށް ތެޔޮ އެފަދަ މިންގަނޑުތަކެއް ނެތް ގައުމުތަކަށް ވިއްކުމަކީ އާންމު ކަމެކެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ބައެއް ގައުމުތަކުން ބޭރުކުރާ ތެޔޮ ވެސް ހެޔޮ އަގެއްގައި ލިބެއެވެ. ގިނަ ފަހަރަށް މިފަދަ ތެލަކީ ވެސް ތަޣައްޔަރުވެފައި ހުންނަ ތެލެވެ.

ރާއްޖޭގައި ފަސޭހަކަމާ އެކު މިފަދަ ޓެސްޓުތައް ހެދޭނެ ވަސީލަތެއް ގާއިމުކުރެވުމަކީ ރާއްޖެއަށް އެތެރެކުރެވޭ ތެލުގެ ފެންވަރު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ފަހިވާ މަގެއް ކަމަށް އެމްޑީ އަމްރު ވިދާޅުވިއެވެ.

އެސްޓީއޯގެ ފިއުލް ޓެސްޓިން ލެބް ހުޅުވުމުގެ ތެރެއިން, ޖީއީއޯ ކޭމްގެ ޑިރެކްޓަރު ޕްރަދީޕް ގޯޕާލް --- ސަންފޮޓޯ/ މުހައްމަދު ހައްޔާން

އެސްޓީއޯއިން ބުނި ގޮތުގައި، ޕެޓްރޯލުގެ ފަސް ޓެސްޓަކާއި، ޑީސަލުގެ ހަތަރު ޓެސްޓެއް ހެދޭނެއެވެ. އަދި، ޖެޓް ފިއުލްގެ ފުލް ރިސާޓިފިކޭޝަން ހެދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ޖީއީއޯ ކޭމްގެ ޑިރެކްޓަރު ޕްރަދީޕް ގޯޕާލް ވިދާޅުވީ މި ލެބޯޓަރީ ހުޅުވުމާއެކު އައިއެސްއޯ އަދި އައިސީސީގެ 1705:2017 އެކްރެޑިޓޭޝަން ލިބޭނެ ކަމަށެވެ. އެހެންކަމުން ލެބޯޓަރީގައި ހެދޭ ޓެސްޓުތަކަށް ހުރިހާ ފަރާތެއްގެ އިތުބާރު ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާޕޯޓު ކުންފުންޏަށް ބޮޑު ލުޔެއް

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝައްމާން ޝާކިރު "ސަން"އަށް ވިދާޅުވީ މި ލެބުގެ ސަބަބުން އެކުންފުނީގެ އޮޕަރޭޝަނަށް ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

"ފުރަތަމަ ކަމަކީ އަޅުގަނޑުމެން މިހާރު މިކޮޅަށް މިގެންނަ ތެޔޮ މިގެންނަނީ ކޮންމެ ދިހަ ދުވަހަކުން. މިވަގުތު އެއާޕޯޓުގައި ހުރި ފަސް ޓޭންކަށް ތެޔޮ އަޅާފަ ކޮންމެ ޓޭންކަކުން ވަކިން ޓެސްޓު ކޮށްގެން މި ބޭނުން ކުރެވެނީ،" ޝައްމާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޭރަށް ފޮނުވައިގެން ޓެސްޓުތައް ހެދުމަށް ތިން ދުވަސް ހޭދަވާ ކަމަށެވެ. ނަމަވެސް އެސްޓީއޯގެ ލެބާއެކު، ވަގުތުން ޓެސްޓު ހަދައި ނަތީޖާ ލިބޭނެ ކަމަށެވެ.

އެސްޓީއޯގެ ފިއުލް ޓެސްޓިން ލެބް ހުޅުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު ހައްޔާން

މީގެ އިތުރުން، ވަރަށް ބޮޑު ޚަރަދެއް ވެސް މިކަމުގެ ސަބަބުން ސަލާމަތްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިވަގުތު އަޅުގަނޑުމެން ސާމްޕަލް މި ފޮނުވަނީ އެމިރޭޓްސް އިން، ޑޭންޖަރަސް ގޫޑްސްގެ ތެރޭގައި ޖެޓް ފިއުލް ހިމެނޭތީ ގެންދިއުމަށް ވަރަށް ބޮޑު ހަރަދެއްދޭ،" އޭނާ ވިދާޅުވިއެވެ.

ޝައްމާން ވިދާޅުވީ އެއާޕޯޓް އެކްސްޕެންޝަންގެ ތެރެއިން އާ ފިއުލް ފާމެއް މިއަހަރުތެރޭ ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން ވެސް ތެލާއި ބެހޭ އޮޕަރޭޝަންތަކަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ޕްރައިވެޓް ސެކްޓަރަށް ވެސް ހިތްހަމަޖެހުން

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ ކުންފުންޏެއް ކަމަށްވާ ހޯކްސްގެ ޖެނެރަލް މެނޭޖަރު ހުސައިން އަމާން ވިދާޅުވީ މިއީ އަމިއްލަ ވިޔަފާރިތަކަށް ވެސް ލިބުނު ކުރިއެރުމެއް ކަމަށެވެ.

"އެންމެ ބޮޑު ކަމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް، ރިސޯޓުތަކަށް، މަސްވެރިންނަށް އަދި ލޯންޗުފަހަރަށް ވިޔަސް އެއްވެސް އެޝުއަރެންސް އެއް ނުދެވޭ ތެލުގެ ކޮލީޓީއާ މެދު" އަމާން ވިދާޅުވިއެވެ.

އެސްޓީއޯގެ ފިއުލް ޓެސްޓިން ލެބް ހުޅުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު ހައްޔާން

އޭނާ ވިދާޅުވީ އިމްޕޯޓުކުރާ ބަނދަރުން ތެލުގެ ކޮލީޓީ ބެލުނު ކަމުގައި ވިޔަސް ރާއްޖެއަށް ގެނައުމަށް ފަހު އެކަން ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން ކަސްޓަމަރެއް ބޭނުންވި ކަމުގައި ވިޔަސް، އެ ޓެސްޓުތައް ހެއްދުން ވަނީ ނުހަނު ޚަރަދު ބޮޑު ކަމަކަށެވެ.

އޭނާ ވިދާޅުވީ ސާމްޕަލްތައް ބޭރަށް ފޮނުވުމަށް ނަގާ ފްރެއިޓް ޗާޖު ސަލާމަތް ވުމަކީ ލިބުނު އެންމެ ބޮޑު ލުއި ކަމަށެވެ.

ވިލާ ހަކަތައިގެ ސޭލްސް މެނޭޖަރު ޔާމީން ޙަބީބް ވެސް ވިދާޅުވީ މިއީ ކަސްޓަމަރުންނަށް ތެލުގެ ސާފުކަމާއި، ކޮލީޓީ ރަނގަޅުކަން ކަށަވަރުކޮށްދިނުން އިތުރު ހަރުފަކަށް ދާނެ ކަމެއް ކަމަށެވެ.

ލެބް ހިންގާ ޖީއީއޯ ކޭމް އިން ވަނީ ދުނިޔޭގެ އަގުތަކާއި އަޅާ ބަލާއިރު، ރަނގަޅު އަގުތަކެއްގައި ޚިދުމަތް ލިބޭނެކަމަށް ބުނެފައެވެ.

comment ކޮމެންޓް