ރަޝިއާ އާއި ޔޫކްރޭންގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިމިއްޖެ

ބެލަރޫސް: މިއީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތިބި ގައުމެއް ---

ރަޝިއާއާއި ޔޫކްރޭނުގެ މައްސަލަ ހަމައަކަށް އެޅުވުމަށް ދެ ގައުމުގެ ދެމެދުގައި ބާއްވާ މަޝްވަރާކުރުންތަކުގެ ފުރަތަމަ ބުރު ނިމިއްޖެއެވެ.

ބެލަރުސް އިން މެދުވެރިއެއްގެ ދައުރު ކުޅޭ މި މަޝްވަރާތައް ކުރިއަށްދަނީ ޔޫކްރޭން އާއި ބެލަރުސް ގުޅޭ ބޯޑަރު ސަރަހައްދުގައެވެ.

އިއްޔެގެ މަޝްވަރާކުރުންތަކުން ނުކުތް ނަތީޖާ އެނގިފައިނުވާއިރު، ރަޝިއާގެ ޑިމާންޑުތަކަށް ޔޫކްރޭނުން ބޯ ލެނބުމަކީ ދުރުކަމެކެވެ.

ނަމަވެސް އެތައް ގަޑިއިރުތަކެއް ވަންދެން ކުރިއަށްގެންދިޔަ އެ މަޝްވަރާތަކުން ކޮންމެވެސް އެއް ނިންމުމަކަށް އާދެވިފައިވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިއަދުގެ ފުރަތަމަ ބުރަށް ފަހު ދެ ގައުމުގެ ޑެލިގޭޝަނުންވެސް ވަނީ އަނބުރާ ވެރިރަށަށް ގޮސްފައެވެ. އަދި އިތުރު ލަފާ ހޯދުމަށްފަހު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ފަރާތުންވެސް ވަނީ އެއްބަސްވެފައެވެ.

ރަޝިއާއާއި ޔޫކްރޭނުގެ މައްސަލަ ހޫނުވެ، ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭން ފަށާފައިވާއިރު، ދެ ގައުމު ސުލްހައިގެ މޭޒަކަށް ގެނައުމަށް ގިނަ ގައުމުތަކުން ތިބީ ތައްޔާރަށެވެ.

އިއްޔެގެ ބައްދަލުވުން ބޭއްވުމަށް އެންމެ ފުރަތަމަ ހަމަޖެއްސީ ބެލަރުސްގައެވެ. ނަމަވެސް ޔޫކްރޭނުގެ އެދުމުގެ މަތިން، ބެލަރުސް އާއި ޔޫކްރޭން ގުޅޭ ބޯޑަރު ސަރަހައްދުގައި އެ ބައްދަލުވުން ބޭއްވުމަށް ފަހުން ނިންމީއެވެ.

comment ކޮމެންޓް