މަޝްވަރާތަކަށް ޔޫކްރެއިނުގެ ޑެލިގޭޝަން ޔޫކްރެއިން-ބެލަރުސް ބޯޑަރު ސަރަހައްދަށް

މަޝްވަރާކުރުންތަކަށް ތައްޔާރުވެފައި؛ ފޮޓޯ - ރޮއިޓާސް

ރަޝިއާއާއި ޔޫކްރޭން މައްސަލައާގުޅޭ މަޝްވަރާ ބައްދަލުވުމަކަށް ޔޫކްރޭނުގެ ޑެލިގޭޝަން ޔޫކްރޭން-ބެލަރުސް ބޯޑަރު ސަރަހައްދަށް ހިނގައްޖެއެވެ.

ބެލަރުސް އިން މެދުވެރިއެއްގެ ދައުރު އަދާކުރާ މި ބައްދަލުކުރުންތައް ކުރިއަށް ދަނީ ޔޫކްރޭން-ރަޝިއާ ބޯޑަރު ކައިރީގައި އޮންނަ ސަރަހައްދެއްގައެވެ.

ޔޫކްރޭނުގެ ފަރާތުން މި ބައްދަލުވުމަށް އެ ގައުމުގެ ޑިފެންސް މިނިސްޓަރު އޮލެކްސީ ރެޒްނިކޮވް އާއި ރައީސް ވޮލޮޑިމިއާ ޒެލެންސްކީގެ އެޑްވައިޒަރު މިޚައިލޯ ޕޮޑޮލްޔަކް ވަޑައިގަންނަވާނެކަމަށް ޔޫކްރޭނުގެ ސަރުކާރުން ވަނީ ބުނެފައެވެ.

މި މަޝްވަރާކުރުންތަކުގެ މައިގަނޑު މަގުސަދަކީ ރަޝިއާ-ޔޫކްރޭން ހަނގުރާމަ ވަގުތުން ނިމުމަކަށް ގެނައުމާއި، ޔޫކްރޭނުގައި ތިބި ރަޝިއާގެ ސިފައިން އަނބުރާ ގައުމަށް ފޮނުވުމެވެ.

ނަމަވެސް މި މަޝްވަރާތަކުގެ އަސްލު ކުލަ ފެންނާނީ ރަޝިއާގެ ސެކިއުރިޓީ ޑިމާންޑުތަކަށް ޔޫކްރެއިނުން އެއްބަސްވުމުންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ރަޝިއާގެ ސެކިއުރިޓީ ޑިމާންޑުތަކަކީ ކުރީގެ ސޯވިއެޓުންގެ އެއްވެސް ގައުމަކަށް ނޭޓޯ އާ ގުޅުމުގެ ހުއްދަ ނުދިނުމާއި، ޔޫކްރެއިނުން ނޭޓޯއާ ނުގުޅުމުގެ އިތުރުން އިރުމަތީ ޔޫރަޕުގައި ނޭޓޯގެ ބާރު ގަދަނުކުރުމެވެ.

މީގެއިތުރުން ޔޫކްރެއިނުގެ ޑޮނެޓްސްކް އާއި ލުހާންސްކް އަކީ މިނިވަން ދެ ދައުލަތުގެ ގޮތުގައި ބަލައިގަތުމަކީވެސް ރަޝިއާގެ ޑިމާންޑެކެވެ.

ރަޝިއާގެ ޑެލިގޭޝަން އެ ސަރަހައްދަށް ދިއުމާއެކު މަޝްވަރާކުރުންތައް ވަގުތުން ފެށޭނެއެވެ.

މި ދެ ގައުމުގެ އާންމު މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި މަޝްވަރާގެ މޭޒަކަށް އެރުމަށް ގިނަ ގައުމުތަކުން ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް