"ނެޓް ޒީރޯ" ޓާގެޓް 2030 ވަނަ އަހަރު ހާސިލްކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، މި ޓާގެޓް ހާސިލްކުރުމަށް ސްޓެލްކޯގެ ހިއްސާ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ ޕަވާހައުސް މެނޭޖާޒް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2022 އިފްތިތާހު ކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖެ ހަލުވި ސްޕީޑްގައި ތަރައްގީވަމުން އަންނައިރު، ސްޓެލްކޯ ވާންވީ ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ޚިދުމަތް ދޭ ކުންފުންޏަކަށް ކަމަށެވެ.
އިއާދަކުރަނިވި ހަކަތައިގެ ހިދުމަތް ދިނުމުގެ ގާބިލުކަމާއި، ހުނަރާއި، އަދި އެކަން ކުރުމަށް ޓެކްނިކަލް ގޮތުން ބޭނުންވާ ގާބިލްކަންވެސް ސްޓެލްކޯގައި އެބަހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ނެޓްޒީރޯއަށް ވާސިލް ވުމަށް ރަށްރަށުގައި ކުރަންޖެހޭ ކަންތައް ކުރުމަށް ސަރުކާރުން އިންވެސްޓް ކޮށްދޭން ތައްޔާރަށް އޮތްކަމަށެވެ.
އެކަން ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމްކޮށްދޭން މަސައްކަތް ކުރާނެ ކަމަށާއި، ބޭނުންވަނީ ސްޓެލްކޯގެ އެހީތެރިކަމާއެކު ރާވާލައިގެން އެ މަސައްކަތާއިގެން ކުރިއަށް ދިއުން ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ. އަދި ޔުޓިލިޓީ ސްކޭލްގައި އެކަން ކުރުމަށް ސަރުކާރުގެ އެކި އެކި ޕްރޮޖެކްޓްތަކުގެ އެހީތެރިކަމާއެކު މިހާރު ވެސް އެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
ސަރުކާރުން އަހަރެއްގެ މައްޗަށް ތެޔޮ އިމްޕޯޓް ކުރުމަށް ގާތްގަނޑަކަށް ހަތަރުސަތޭކަ މިލިޔަން ޑޮލަރު ހޭދަކުރާ ކަން ފާހަގަކުރައްވައި، މިނިސްޓަރު އިތުރަށް ވިދާޅުވީ ދުނިޔޭގެ ހާލަތު މިދިޔަ ހަފްތާއެއްގެ ތެރޭގައި ބަދަލުވަމުން އަންނަ ކަމަށާއި، މި ބަދަލާއެކު ތެލުގެ އަގު ވެސް އުފުލެމުން އަންނަ ކަމަށެވެ.
"ތެލަށް އަހަރެމެން ކުރާ ޚަރަދު އިތުރުވާނަމަ އެއީ ތަރައްގީގެ އެހެން ކޮންމެވެސް ކަމަކަށް ހޭދަކުރަން ހުރި ފައިސާ. އެ ފައިސާ ހޭދަ ކުރަން މި ޖެހެނީ ތެޔޮ ގަންނަން. ރާއްޖެއަކީ އިއާދަކުރަނިވި ހަކަތަ އެތައް ގުނައަކަށް ބޭނުންކުރެވެން އޮތް ރާއްޖެއެއް،" މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ ގާތްގަނޑަކަށް ދުވާލަކު 12 ގަޑިއިރު އިރުގެ އަލި ރާއްޖެއަށް އެބަލިބޭ ކަމަށާއި، އިރުގެ އަލިން ހަކަތަ ލިބޭ މިންވަރާއި، އަގު މި އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުޑަވަމުން ކަމަށެވެ. އަދި އެ ޓެކްނޮލޮޖީ މިވަނީ އުފެއްދި އެއާ ހަމައަށް ވާސިލްވެފައި ކަމަށް ވިދާޅުވިއެވެ.
އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ މަސައްކަތް ފެށުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
ސަރުކާރުގެ "ނެޓް ޒީރޯ" ޓާގެޓް ހާސިލްކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އާއްމު ރައްޔިތުންނަށް އެންމެ ފަސޭހައިން، އަވަހަށް ކުރެވޭނެ ގޮތަކީ ގޭގޭގެ ފުރާޅުތަކުގައި "ހޯމް ސޯލާ" ގާއިމްކުރުން ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.
ޝައުނާ އިތުރަށް ވިދާޅުވީ ފެނަކަ އާއި އެކީގައި "ހޯމް ސޯލާ" ޕްރޮގްރާމެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހަމަ އެ ގޮތަށް ސްޓެލްކޯ އާ އެކީގައި އެ މަސައްކަތް ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.