ފަސްބެލުމެއް ނެތި ބަޔާން ކުރިއަށް

ބަޔާން އިން ރޭ ކުޅުނު މެޗުގައި ލެވަންޑޮސްކީ އެއް އަތުގައި އެ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން. އަދި އަނެއް އަތުގައި ޔުކްރެއިންގެ ދިދަ ރަމްޒުކޮށްދޭ ބޭންޑެއް އަޅައިގެން

ބުންޑާސް ލީގުގައި ރޭ އެއިންޓްރަކްޓް ފްރޭންކްފާޓް އާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ބަޔާން މޮޅުވެއްޖެއެވެ.

ރޭގެ މެޗުން މޮޅުވެ ބަޔާން ވަނީ 58 ޕޮއިންޓާއެކު ތާވަލްގެ އެއް ވަނަ މަގާމުގައި ހަމަޖެހިލައިފައެވެ.

ރޭގެ މެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ ބަޔާންއަށް ކުޅޭ ޕޮލޭންޑްގެ ފޯވާޑް ރޮބާޓޯ ލެވަންޑޮސްކީއަށެވެ. އޭނާގެ އެއް އަތުގައި އަޅާފައި އޮތީ ބަޔާންގެ ކެޕްޓަން ބޭންޑެވެ. އަނެއް އަތުގައި އޮތީ ޔޫކްރެއިންގެ ދިދަ ރަމްޒުކޮށްދޭ ބޭންޑެކެވެ.

މިއީ ރަޝިޔާއިން މިހާރު ޔުކްރޭނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އޭނާ ހުރީ ޔުކްރެއިންއާއެކުކަން ހާމަކުރުމަށް ލެވަންޑޮސްކީ އެޅި ބޭންޑެކެވެ.

ލެވަންޑޮސްކީ ވަނީ ފީފާ އިން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެސްޓް އެވޯޑްސް މިދިޔަ ދެ ފަހަރު ހޯދާފައެވެ. އޭނާ އަކީ ޕޮލޭންޑްގެ ގައުމީ ޓީމުގެވެސް ކެޕްޓަންއެވެ. އޭނާ ވަނީ އަންނަ މަހު ރަޝިއާގައި ކުޅެން އޮތް ގަތަރު ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފް މެޗު އެ ގައުމުގައި ނުކުޅުމަށް ވެސް ގޮވާލާފައެވެ.

އޭނާ ބުނެފައިވަނީ ބޮއިކޮޓް ކުރުމަކީ ރަނގަޅު ނިންމުން ކަމަށާއި، ހަނގުރާމައެއް ކޮށް ނުހައްގުން ބަޔަކަށް އަނިޔާ ލިބެމުންދާއިރު، ކަމެއް ނުވާ ކަމަށް ހަދައި، ފުޓްބޯޅަ މެޗުތަކެއް ކުޅެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.

ރޭގެ މެޗުގައި ބަޔާންއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 72 ވަނަ މިނެޓުގައި ލެރޯއި ސާނޭ އެވެ.

ލީގު ތާވަލްގެ އެއް ވަނައިގައި ބަޔާން އޮތީ 58 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑާ ބަޔާންއާ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގު އެބަ އޮތެވެ. ޑޯޓްމަންޑަށް ލިބިފައިވަނީ 49 ޕޮއިންޓެވެ.

comment ކޮމެންޓް