މަސްތުވާތަކެއްޗާ ބެހޭގޮތުން ދޮގު މައުލޫމާތުތަކެއް މީޑިއާގައި ފެތުރުމަށްފަހު ދިވެއްސަކު ފިލައިފި

މަސްތުވާތަކެތީގެ މައްސަލައިގައި މީޑިއާތަކަށާއި ފުލުހަށް ދޮގު މައުލޫމާތު ދިނުމަށްފަހު ފިލައިގެން ގޮސްފައިވާ ޢަބްދުﷲ ޖުނައިދު

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާފައި ވަނިކޮށް ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ގއ. ދެއްވަދޫ އުމުރުން 37 އަހަރުގެ ޢަބްދުﷲ ޖުނައިދު މަސްތުވާތަކެއްޗާ ގުޅޭގޮތުން މީޑިއާތަކަށާއި ފުލުހުންނަށް ދޮގު މައުލޫމާތު ދިނުމަށްފަހު ފިލައިގެން ރާއްޖޭން ބޭރަށް ގޮސްފިއެވެ.

މިއަދު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ބޭއްވި މައުލުމާތު ދިނުމުގެ ސެޝަނެއްގައި އެ ޑިޕާޓްމަންޓުގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވީ، ޖުނައިދުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ މިދިޔަ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހުކަމަށެވެ.

އެގޮތުން އެރޭގެ ވަގުތެއްގައި މާލެތެރެ ޕެޓްރޯލުކުރުމުގެ ޑިއުޓީގައި ތިބި ދެ ފުލުހުންގާތު މާލޭގެ ނީލަން ފިހާރަކައިރިން ދެ ފޮށިގަނޑު އަތުން ހިފައިގެން ދިޔަ ދެ ބިދޭސީން ފުލުހުން ފެނުމުން އެ ފޮށިގަނޑު ނީލަންފިހާރަ ކައިރީ ބަހައްޓަފައި ފިލިކަމަށް ޖުނައިދު ބުންޏެވެ. އަދި އޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތިން ކިލޯގެ އެއްޗެހި ހުރިކަމަށް ވެސް ފުލުހުންގާތު އޭނާ ބުނިކަމަށް ޝާކިރު ވިދާޅުވިއެވެ.

އެ މައުލުމާތު ފުލުހުންނަށް ހިއްސާކުރުމަށް ފަހު ފުލުހުންނާއެކު ސީންގައި އިރުކޮޅެއް ވަންދެން އޭނާ ހުރިކަމަށާއި ސީންގެ ފޮޓޯއެއް އެމްވީ ކްރައިސިސްއަށް ފޮނުވީ ޖުނައިދުކަމަށް ޝާކިރު ވިދާޅުވިއެވެ.

އެވަގުތު ފުލުހުން އެތަނަށް ދިޔައިރު އޭނާ ބުނިހެން އެތަކެތި އެތާ ހުރިކަމަށް ފުލުހުން ވިދާޅުވިއެވެ.

"އެ ހާދިސާ އަކީ 28 ޑިސެމްބަރު 2021 ވަނަ ދުވަހު އެމްވީ ކްރައިސިސްގައި ބްރޭކިން ޚަބަރެއްގެގޮތުގަ ފުލުހުން ނީލަން ފިހާރަ ކުރިމަތިން ތިން ކިލޯގެ ހަޝިޝް އޮއިލް އާ އެކު ބިދޭސީއަކު ހައްޔަރުކޮށްފި މި ސުރުޙީގެ ދަށުން ބްރޭކްވެފައިވާ ޚަބަރެއް،" ޝާކިރު ވިދާޅުވިއެވެ.

މިކަން ފުލުހުން ތަހުގީގުކުރުމުން މިއީ ޖުނައިދު ރާވައިގެން ކުރިކަމެއްކަން ފުލުހުންނަށް އެނގުނު ކަމަށް ޝާކިރު ވިދާޅުވިއެވެ. އަދި ކަންހިނގާދިޔަ ގޮތް ހާމަކޮށްދެމުން އޭނާ ވިދާޅުވީ ޖުނައި އަމިއްލައަށް ނީލަން ފިހާރަ ކައިރީ ފޮށިގަނޑު ބެހެއްޓުމަށްފަހު ފުލުހުންނަށް އެކަން ރިޕޯޓުކުރިކަމަށެވެ.

މިފަދައިން އޭނާ ކަންތައްކޮށްފައި ވަނީ ތިން ކިލޯގެ މަސްތުވާތަކެތި މީހަކަށް ހޯދައިދޭނެކަމަށް ބުނެ އެ މީހާގެ އަތުން 160،000 ރުފިޔާ ހޯދައި އެ މީހާއަށް އެ ފައިސާ ނުދޭންވެގެންނެވެ. އަދި އެފަދައިން މީޑިއާގައި މައުލޫމާތު ފެތުރީ ޖުނައިދުއަށް ފައިސާދިން މީހާއަށް ދޭން އުޅުނު މަސްތުވާތަކެތި ފުލުހުން އަތުލައިގަތީކަމަށް އޭނާއަށް ދައްކުވައިދޭން ކަމަށް ޝާކިރު ވިދާޅުވިއެވެ.

ފުލުހުންނަށް މައްސަލަ ރިޕޯޓުކުރުމަށްފަހު ޖުނައިދު ދިޔައީ ހުޅުމަލޭގައި ހުންނަ އޭނާ ދިރިއުޅޭ ގެއަށް ކަމަށާއި އެރޭ ޖުނައިދަށް ފައިސާދިން މީހުން އޭނާ ރަހީނުކުރިކަމަށް ވެސް ޝާކިރު ވިދާޅުވިއެވެ.

"އެރޭ މެންދަމު 3:29 ހާއިރު ޖުނައިދުގެ ބޭބެއަށް ގުޅައި އެ ފައިސާ ދިނުމަށް ޖުނައިދު ރަހީނު ކުރި ތިން މީހުން އެދުނު. އެކަމަކު ދެވެން އޮތީ 10،000 ރުފިޔާ ކަމަށް ޖުނައިދުގެ ބޭބެ ބުނުމުން އެމީހުން ޖުނައިދު ގޮވައިގެން އޭނާގެ ބޭބެ ކައިރިއަށް ދިޔައީ. އެކަމަކު އެތަނުގައި ފުލުހުން ތިބުމުން އެމީހުން ބުނެފައި ވަނީ ޖުނައިދު ރަހީނު ނުކުރާ ކަމަށާއި ޖެހިގެން އުޅެނީ ފައިސާގެ މައްސަލައެއް ކަމަށް،" ޝާކިރު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޖުނައިދުއަށް ޝައްކުކުރެވޭތީ މިދިޔަ ޑިސެމްބަރުމަހުގެ 29ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރު ކުރިއެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ސަބަބުވެރި މީހެއްގެ ވިސްނުމަކުން ވިސްނާއިރު ފުލުހުން އެ ދައްކާ ވާހަކައަކީ ގަބޫލުކުރެވޭ ވާހަކައެއް ނޫން ކަމަށްބުނެފައެވެ. އަދި އެތަކެތި ބެހެއްޓި މީހާ އެތަކެތި ފުލުހުންނަށް ރިޕޯޓު ނުކުރާނެކަމަށާއި ފެނުނު ދެ ފޮށީގަ ކެނަބިސް ހޭކިފަ ހުރުން ފިޔަވާ މުއްދަތަށް ހާޒިރުކުރި މީހާއާ މައްސަލަ އާ ގުޅުވާލެވޭނެ އެއްވެސް ހެއްކެއް ގަރީނާއެއް ނެތް ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނިކަމަށް ޝާކިރު ވިދާޅުވިއެވެ.

ކޯޓުން އޭނާ ދޫކޮށްލުމާއެކު ޑިސެމްބަރު 30ވަނަ ދުވަހު އޭނާ ފުރައިގެން ރާއްޖޭން ބޭރަށް ދިޔަކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ މިހާރު އުޅެނީ ތުރުކީ އަންހެނަކާ ކައިވެނިކޮށްގެން ކަމަށާއި އޭނާ ފުރައިގެން ގޮސްފައި ވަނީ ކަރެކްޝަނަލް ސާވިސްއިން ހުއްދަ ނުހޯދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް