އީރާނުގެ ރައީސް ގަތަރަށް ވަޑައިގެންފި

ގަތަރުގެ އަމީރު އީރާނުގެ ރައީސް އަށް މަރުހަބާ ދަންނަވަނީ

ދައުހާ (21 ޖަނަވަރީ 2022): ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އާލްޘާނީގެ ދައުވަތަކަށް އީރާނުގެ ރައީސް އިބްރާހީމް ރައީސީ ގަތަރަށް ވަޑައިގެންފިއެވެ.

ގަތަރުގެ ދައުވާ އެއާޕޯޓުން އީރާނުގެ ރައީސަށް މަރުހަބާ ދެންނެވީ ގަތަރުގެ އަމީރާއި އޭނާގެ ސަރުކާރުގެ މަދަނީ އަދި އަސްކަރީ އިސްވެރިންނެވެ. މިއީ މިދިޔަ އަހަރު އީރާނުގެ ރައީސްކަމާ އިބްރާހީމް ރައީސީ ހަވާލުވެވަޑައިގަތުމަށްފަހު އޭނާ ގަތަރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ގަތަރުގެ ޚާރިޖީ ވުޒާރާ ބުނާގޮތުން މި ދަތުރުފުޅުގެ ބޭނުމަކީ ދެގައުމުގެ ދެމެދުގައި ސިޔާސީ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ގަލްފުގެ އަމަން އަމާންކަމާއި ސުލްހައަށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމެވެ.

އީރާނަކީ ސައޫދީ އަރަބިއާ އިސްކޮށް އޮވެގެން 2017 ވަނަ އަހަރު ޔޫއޭއީއާއި ބަހްރައިން އަދި މިސްރުން ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ އަދި ހިސާރުގެ ފިޔަވަޅުތަކާ ދެކޮޅަށް ގަތަރަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން އެއްގައުމެވެ. އީރާނުގެ އިތުރުން ދެން ގަތަރަށް އެންމެ ބޮޑު އެހީތެރިކަން ފޯރުކޮށްދިނީ ތުރުކީންނެވެ.

ގަތަރަކީ ސައޫދީން 2015 ވަނަ އަހަރު އީރާނާ ގުޅުންތައް ކަނޑާލުމަށް ބަހްރައިންއާ ގުޅިގެން ހިންގި ހަރަކާތުގައި ބައިވެރިވުމަށް ދެކޮޅު ހެދި ގައުމެކެވެ. ގަތަރުގެ އިތުރުން އުމާންއާއި ކުވައިތު އަދި ޔޫއޭއީ ވެސްވަނީ ސައޫދީން އީރާނާ ގުޅުންތައް ކަނޑާލުމަށް ހިންގި ހަރަކާތުގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ.

އީރާނުގެ ރައީސް ގަތަރަށް ވަޑައިގެންނެވިއިރު ސައޫދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާންވަނީ އީރާނާއެކު ސުލްހައިގެ ވާހަކަތަކުގެ އިތުރު ބުރެއް ބާއްވަން ބޭނުންވާކަން އިއްޔެ ހާމަކުރައްވާފައެވެ. އީރާނުގެ ރައީސް އިބްރާހީމް ރައީސީގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި އީރާނާއި ގަލްފުގެ އަރަބި ގައުމުތަކާ ދެމެދުގައިވާ ނުތަނަވަސްކަން ފިލުވާލައި ގަލްފުގެ ގައުމުތަކާއި އީރާނުގެ ގުޅުންތައް ރަނގަޅު ކުރުން ހިމެނެއެވެ. މި މަސައްކަތުގެ ދަށުން އީރާނާއި ޔޫއޭއީގެ ގުޅުންތައް މިދިޔަ އަހަރުވަނީ ރަނގަޅުވާން ފަށާފައެވެ.

މި ދުވަސްވަރަކީ އީރާނާއި ގަލްފުގެ ގައުމުތައް ޖައްސައި ދުޝްމަން ކުރުވުމަށް ޔަހޫދީ އިސްރާއީލުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާ ދުވަސްވަރެކެވެ. ޔަހޫދީ އިސްރާއީލުން މިކަންކުރަނީ ޔޫއޭއީ އާއި ބަހްރައިން ފަލަސްތީނުގެ މައްސަލައަށް ބެލުމެއްނެތި އިސްރާއީލާ ގުޅުންތައް ގާއިމް ކުރުމުން އެކަމުގެ ނާޖާއިޒު ފައިދާ ނައިގެންނެވެ.

އިސްރާއީލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެ ފަލަސްތީނުގެ ހައްގުތަކަށް އަރައިގަނެ ހިންގަމުން ގެންދާ ސްޓޭޓް ޓެރަރިޒަމްގެ މައްސަލަ އޮއްބާލައި އީރާނާއި ގަލްފުގެ އަރަބި ގައުމުތައް ދުޝްމަން ކުރުވައިގެން އެގައުމުތަކާއި އީރާން ޖެއްސުމެވެ.

ގަލްފުގެ ދުޝްމަނަކީ އިސްރާއީލު ނޫންކަމާއި އޭގެބަދަލުގައި އީރާންކަމަށް ހަދައިގެން ފަލަސްތީނާ ދެކޮޅަށް އިސްރާއީލު ހިންގާ ޓެރަރިޒަމްގެ އަމަލުތައް މަތިން ގަލްފުގެ ގައުމުތަކުގެ ސަމާލުކަން ކަނޑުވާލައި އީރާނަކީ އެގައުމުތަކަށް ހުރި ބިރެއްކަން ދައްކައިގެން އެކަމުގެ އިސްތިއުމާރީ ފައިދާ ނެގުމެވެ.

އީރާނުގެ ރައީސް ގަތަރަށް ވަޑައިގެންނެވި މި ވަގުތަކީ އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ނިއުކްލިޔާ ވާހަކަތައް ކާމިޔާބުވުމާ ގާތަށް ގޮސް އީރާނާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އެއްބަސްވުން ވުޖޫދަށް އައުމާގާތަށް ގޮސްފައި ވަނިކޮށެވެ. މިއީވެސް އިސްރާއީލު ވަރަށް ކަންބޮޑުވާކަމެއްކަން އެގައުމުންވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް