ޕޫޓިން އާއި ބައިޑަންގެ ސަމިޓަކަށް ތައްޔާރުވަނީ

ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮން--

ޔޫކްރޭންގެ މަސްރަހާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރަޝިއާގެ ރައީސް ވްލަޑީމިއާ ޕޫޓިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ސަމިޓަކަށް ތައްޔާރުވާން ފައްޓަވައިފިއެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމާނުއެލް މެކްރޯން މެދުވެރިއެއްގެ ގޮތުގައި ހުންނަވާ މި ސަމިޓު ކުރިއަށްދާނީ ރަޝިއާއިން ޔޫކްރޭނަށް އަރައިނުގަންނާނެ ކަމުގެ މަތިންނެވެ.

ޔޫކްރޭނުން ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އާ ގުޅުމުގެ ވާހަކަތައް ދެއްކުމުން ރަޝިއާއިން ވަނީ ޔޫކްރޭނުން އެފަދަ ކަމެއް ނުކުރުމަށް ގޮވާލަން ފަށާފައެވެ. އަދި ނޭޓޯ އާ ގުޅިއްޖެނަމަ، އާޚިރު ނަތީޖާ ރަނގަޅުނުވާނެކަމަށް ރަޝިއާގެ ސަރުކާރުން ދަނީ ބުނަމުންނެވެ.

ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުގައި ރަޝިއާއިން އަންނަނީ ބޮޑު ހަނގުރާމައަކަށް ތައްޔާރުވަމުންނެވެ. އަދި ޔޫކްރޭން ވަނީ އެފަދަ ހަނގުރާމައަކަށް ތައްޔާރުވެސް ވާން ފަށާފައެވެ.

ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ޑިޕްލޮމެސީ މެދުވެރިކޮށް މަޝްވަރާތައް ކުރުމަށް ޕޫޓީންވެސް ބޭނުންފުޅުވެވަޑައިގަންނަވައެވެ.

ރަޝިއާއާއި އެމެރިކާގެ މި ސަމިޓު އޮންނާނެކަމަށް ވައިޓް ހައުސްއިންވެސް ވަނީ ބުނެފައެވެ.

ނަމަވެސް ރަޝިއާއިން ޔޫކްރޭނަށް އަރައިގަނެފިނަމަ، މި ސަމިޓު ނޯންނާނެކަމަށްވެސް އެމެރިކާއިން ވަނީ ބުނެފައެވެ.

އަންނަ ބުރާސްފަތި ދުވަހު ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖީ ލެވްރޮވް އާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެންވެސް މަޝްވަރާކުރުންތަކެއް ފައްޓަވާނެއެވެ.

ރަޝިއާއާއި ޔޫކްރޭނުގެ މަޝްރަހު ހޫނުވެފައިވާއިރު، ޕޫޓިން އާއި ބައިޑެންގެ ސަމިޓުގައި ޔޫކްރޭނުގެ ރައީސް ޒެލެންސްކީ ބައިވެރިވުން މުހިންމުކަމަށް ގިނަ ސިޔާސީ މާހިރުން ގަބޫލުކުރެއެވެ.

comment ކޮމެންޓް