މުސްލިމުން ދަންޖައްސާފައިވާ މަންޒަރު ދައްކުވައިދޭ ކާޓޫނެއް ބީޖޭޕީގެ އެކައުންޓަކުން ޓްވީޓްކޮށްފި

ބީޖޭޕީގެ އެއްވުމެއްގެ ތެރެއިން-- ފޮޓޯ: ދަ ކުއިންޓް

މުސްލިމް ފިރިހެނުންތަކެއް ދަންޖައްސާ މަންޒަރު ދައްކުވައިދޭ ކާޓޫނެއް އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ގުޖުރާތު ގޮފީގެ ޓްވިޓާ އެކައުންޓުން ޓްވީޓްކޮށްފި އެވެ.

ބީޖޭޕީގެ އެ ޓްވިޓާ އެކައުންޓުން ޓްވީޓްކޮށްފައިވާ ކާޓޫން ޓްވިޓާގެ އުސޫލުތަކާ ޚިލާފުވުމުގެ ސަބަބުން ޓްވިޓާއިން ވަނީ ނަގާފައެވެ.

ގިނަ ބަޔަކު ބީޖޭޕީގެ އެ ޢަމަލު އަޅާކިޔާފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން ޖަރުމަނުގެ ނާޒީން ކުރެހި ފޮޓޯތަކާއެވެ.

ބައެއް މީހުން ބުނާ ގޮތުގައި ބީޖޭޕީން ޓްވީޓްކުރި އެ ކުރެހުމުން ދައްކުވައިދެނީ މުޖުރިމުންތަކަކަށް އަދަބު ދޭ މަންޒަރެވެ. ނަމަވެސް މުސްލިމުން ސިފަވާގޮތަށް އެކަން ކުރުމުން ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ.

އިންޑިއާގެ ބީޖޭޕީ ސަރުކާރަކީ ހިންދޫ ދީނުގެ ޝިޢާރުތަކަށް ޚާއްސަ އިސްކަމެއް ދޭ ޕާޓީއެކެވެ. އެ ގައުމުގައި މިވަގުތު ކުރިއަށްދާ އިންތިޚާބުގައި ބީޖޭޕީ ސަރުކާރަށް ތާއިދު އޮތް މިންވަރު އެނގިގެންދާނެކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ މީހުން ބުނެއެވެ.

ބީޖޭޕީގެ އެކައުންޓަކުން ޓްވިޓްކުރި ފޮޓޯ

އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ތަފާތު އެތައް ކަމެއް ކުރަމުން އަންނައިރު، ކަރްނާޓަކާގެ ކޮލެޖު ޔުނިވާސިޓީތަކަށް ބުރުގާ އަޅައިގެން ދިއުން ވަނީ މަނާކޮށްފައެވެ. އަދި ބުރުގާ އަޅައިގެން ދިޔަޔަސް އެ ނަގާލާފައި މެނުވީ ކްލާހަށް ނުވަދެވޭނެކަމަށް ވަނީ އަންގާފައެވެ.

comment ކޮމެންޓް