ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާގެ މައްޗަށް ދައުލަތުން ކުރި ޗެކު ބައުންސްގެ މައްސަލަ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ދައުލަތުން މުސްތަފާގެ މައްޗަށް ދައުވާކުރަނީ އައިލެންޑް ޓްރާންސްޕޯޓުގެ ނަމުގައި ހަބީބު ބޭންކުގައި ހުޅުވާފައިވާ އެކަންޓަކުން މުސްތަފާ ސޮއިކޮށް، ހ. އޯލްވޭސް ހެޕީހައުސް އަބްދުﷲ ޖަލީލު އަށް ދީފައިވާ ހަތަރު ޗެކް ބައުންސްވި މައްސަލައިގަ އެވެ.
އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ މުސްތަފާ ދައުވާގެ އަސްލަށް އިންކާރުކޮށްފައިވާ ކަމަށެވެ.
ގާޒީ ވިދާޅުވީ ޗެކު ބައުންސް މައްސަލަ ސާބިތުކުރުމަށް ޓަކައި ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާ ބެހޭ ގާނޫނުގެ 39 ވަނަ މާއްދާގައިވާ އެންމެހައި ޝަރުތުތައް ފުރިހަމަވާން ޖެހޭ އިރު އެ އުންސަރުތައް ]ޝަރުތުތައް[ ފުރިހަމަވެފައި ނުވާ ކަމަށެވެ.
އެ މައްސަލައިގައި ދައުލަތުން ޝަރީއަތަށް ހުށަހެޅި ލިޔެކިޔުންތަކުގައި ފުށުއެރުންތައް ވާތީ ދައުލަތުން ހުށަހެޅި އެއްވެސް މީހެއްގެ ހެއްކެއް ޝަރީއަތަށް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން ދައުލަތުން މުސްތަފާގެ މައްޗަށް ކުރި އެކައުންޓްގައި ފައިސާ ނެތި ޗެކު ދޫކޮށް ޗެކްގައިވާ އަދަދަށް ފައިސާ ނުދެއްކުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް ހުކުމް ކުރީ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ އަބްދުﷲ ޖަލީލަށް މުސްތަފާ ދައްކަން ޖެހޭ އެއްވެސް ފައިސާއެއްވާ ނަމަ އެ ފައިސާ ހޯދުމަށް މުސްތަފާގެ މައްޗަށް ދައުވާކުރުމުގެ ހައްގު ޖަލީލަށް ލިބިގެންވާ ކަމަށެވެ.
ގާޒީ ހުކުމް އިއްވަވައި ނިމުމުން މުސްތަފާ ވަނީ ގާޒީ އަށް ޝުކުރު ދަންނަވައިފަ އެވެ.
"ޝުކުރިއްޔާ އިއްޒަތްތެރި ގާޒީ،" މުސްތަފާ ވިދާޅުވި އެވެ.
ހުކުމް ކުރުމާ އެކު ކޯޓުން ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުސްތަފާ ވިދާޅުވީ އަދުލުއިންސާފު ގާއިމް ކުރެވޭނެކަން މިހާރު މިއަދު އޭނާ ގަބޫލުކުރައްވާ ކަމަށެވެ.