އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުލަބް ގްރީން ސްޓްރީޓްސްއާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ފުރަތަމަ ދެ މިނެޓުގައި ތެރޭގައި ގްރާންޑޭއިން މޮޅަށް ކުޅުނު ނަމަވެސް، ގްރީން އިން ދިޔައީ މަޑު މަޑުން މެޗުގެ ތެރެއަށް ވަދެ ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.
މެޗުގެ ހަތްވަނަ މިނެޓުގައި ގްރާންޑޭގެ އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިއަކު ކުރި ކުށަކާ ގުޅިގެން ރެފްރީ ސިނާން ހުސެއިން ވަނީ ގްރީންއަށް ޕެނަލްޓީއެއް ދީފައެވެ.
މެޗުގެ އަށް ވަނަ މިނެޓުގައި ގްރީންގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ)އެވެ. އޭގެ ހަތަރު މިނެޓު ފަހުން ގްރީންއަށް އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ހަސަން ނަޒީމް (ޗޯޓު) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ގްރީންގެ ލަނޑަށްފަހުވެސް އެ ޓީމުން ދިޔައީ ވަރަށް ބޮޑަށް އެޓޭކްގައި ހަމަލާތަކެއް އުފައްދަމުންނެވެ. އެ ޓީމުން ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔައިރު، ގްރާންޑޭއަަށް މާ އެދެވޭ ހަަމަލާއެއް އުފެއްދުނު ތަނެއް ނުފެނުނެވެ.
ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށް ގްރާންޑޭއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 43 ވަނަ މިނެޓުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު އާކިބް މުހައްމަދު ފައިޒަލް އެވެ. އޭނާ މި ލަނޑު ޖެހީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޗަމޮދު ދިލްސަން ނަގައިދިން ބޯޅައެއް ގްރީންގެ އޭރިޔާ ތެރޭގައި ހުރެ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުގައި އޮވެގެންނެވެ.
ފުރަތަމަ ހާފާ ޚިލާފަށް ދެ ވަނަ ހާފުގައި ގްރާންޑޭއިން ހަމަލާތަކެއް އުފެއްދުމަށް ވަރަށް މަސައްކަތްކުރިއެވެ.
ދެވަނަ ހާފު ފަށައިގެން 50ވަނަ މިނެޓުގައި ގްރާންޑޭގެ އިސްމާއިލް މަފާޒް އިބްރާހިމް ގްރީންގެ އޭރިޔާ ތެރޭގައި ހުރެ ފޮނުވާލި ބާރު ހަމަލާ ގްރީންގެ ކީޕަރު ޞާޤިބް ހަނީފް މަތަކުރިއެވެ.
ދެ ޓީމުން ވެސް ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކުރި ނަމަވެސް، އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެ ޓީމު އެެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ގްރީންގެ ކެޕްޓަން ރިލްވާން ވަހީދެވެ.
ލީގުގައި މިރޭ ބައްދަލުކުރާނީ ނިމުނު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ކުލަބް ވެލެންސިއާއާއި ޔުނައިޓެޑް ވިކްޓަރީއެވެ.