ސިޒޭރިއަން ހެދި މީހާގެ ނާރެއް ބުރިއެއް ނުވޭ: ހޮސްޕިޓަލް

ލ. ގަން ރީޖަނަލް ހޮސްޕިޓަލް ---

މިދިޔަ ބުރާސްފަތި ދުވަހު ލ. ގަމުގައި ސިޒޭރިއަން ހަދައިގެން ހާލުބޮޑުވެ، މާލެ ގެނައި އަންހެން މީހާގެ ނާރެއް ބުރި ނުވާ ކަމަށާއި، ޕްރެޝަރުގެ ސަބަބުން ނާރެއް މޮހުނީ ކަމަށް ލ. ގަން ރީޖިނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލްގައި ސިޒޭރިއަން ހެދުމަށްފަހު ހާލު ސީރިއަސްވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނީ އުމުރުން 35 އަހަރުގެ އަންހެނަކަށެވެ.

ލ. ގަން ރީޖިނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝިޔާމް "ސަން"އަށް ވިދާޅުވީ، ޑޮކްޓަރު ދެއްކެވި ވާހަކަ ބައެއް މީހުންނަށް އޮޅުނީ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އައިޖީއެމްއެޗަށް ގެންދިޔަފަހުން އޭނާގެ ރަސްމީ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ބައެއް މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އޭނާއޮތީ ސީރިއަސް ހާލަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ޚާއްސަކޮށް ކިޑްނީގެ ހަރަކާތްތައް އަދި އެންމެ ރަނގަަޅަށް ނުހިނގާ ކަމަށް މައުލޫމާތު ލިބެނީ. ނަމަވެސް ރަސްމީ މައުލޫމާތެއް ނޫން އެއިކީ،" ޝިޔާމް ވިދާޅުވިއެވެ.

އޭނާގެ ހާލު ގޯސްވީ، ތިންވަނަ ކުއްޖާ ވިހެއުމަށް ސިޒޭރިއަށް ހެދިއިރު ދިމާވި ކަމެއްގެ ސަބަބުން ކަމަށާއި، ކަންހިނގިގޮތް މީޑިއާތަކުގައި ގޯސްކޮށް ރިޕޯޓް ކޮށްފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

"ނާރުގެ އެއްވެސް މައްސަލައެއް ނޫޅޭ. ނާރެއް ބުރިވެގެނެއް ނޫން މިއުޅެނީކީއެއް. އަސްލު، ޑޮކްޓަރު ޕޭޝަންޓް ސައިޑްގެ މައުލޫމާތު ދިންއިރު ކޮންމެވެސް ވަރަކަށް، ބައެއް މީހުންނަށް އޭތި މިސްއަންޑަސްޓޭންޑިންގް ވީ،" ޝިޔާމް ވިދާޅުވިއެވެ.

"އެކަހަލަ ގޮތެއް ދިމާވީ. ބަނޑު ފަޅާއިރު އެބަ ހުރޭ މަސްގަނޑުތެރޭގަ ކުދިކުދި ނާރުތައް. އެ ނާރުތައް ބައްދާފަ މި އަނެއްކާވެސް ފަހަނީ. ދެން ޑޮކްޓަރު މި ވިދާޅުވީ، އެ ބެއްދި ނާރެއް އަލުން ހުޅުވުނީ ކަމަށް ވެދާނެއޭ ޕްރެޝަރެއްގެ ސަބަބުން. އެހެންވެގެންނޭ އިންޓާނަލް ބްލީޑިން މި ހުރީ. އެ ނާރުގެ އިޝޫއެއް ނެތް އިތުރަކަށް،" ޝިޔާމް ވިދާޅުވިއެވެ.

އެކަން އެގޮތަށް ދިމާވުުން، އެކަމާ ގުޅޭ ބައެއް ޓެސްޓުތައް ހެދުމަށާއި ބައެއް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައީއެވެ.

ބްލީޑް ވުމުން، ލޭ މަދުވެގެން، ގުނަވަންތަކަށް އެ ލިބެންޖެހޭ އޮކްސިޖަން ލިބުމުގައި ދަތިވެގެން ގޮސް ލިވާއާއި ކިޑްނީގެ މައްސަލަތައް އޭނާއަށް ދިމާވެފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް