ހަރަދުތައް ފޫބައްދަން 1.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްްކަނީ

ފެބްރުއަރީ 19، 2020: ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި، ކުރު މުއްދަތެއްގައި އަނބުރާ ދައްކަން ޖެހޭ 1.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކުމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އިއުލާނުކުރީ ހަތަރު ޓީބިލެއް ވިއްކުމަށެވެ. އެއީ 28 ދުވަހާއި، 98 ދުވަހާއި، 182 ދުވަހާއި، 364 ދުވަސް ތެރޭ އަނބުރާ ދައްކަން ޖެހޭ ހަތަރު ބިލެކެވެ.

އެ ބިލްތައް ވިއްކަނީ:

  • 28 ދުވަސް، 674 މިލިއަން ރުފިޔާ %3.50 އިންޓަރެސްޓުގައި
  • 98 ދުވަސް، 188 މިލިއަން ރުފިޔާ %3.87 އިންޓަރެސްޓުގައި
  • 182 ދުވަސް، 205 މިލިއަން ރުފިޔާ %4.23 އިންޓަރެސްޓުގައި
  • 364 ދުވަސް، 466 މިލިއަން ރުފިޔާ %4.60 އިންޓަރެސްޓުގައި

ބިލް ގަންނަ ފަރާތްތަކުން ބިލަށްވާ ފައިސާ މި މަހުގެ 14 ވަނަ ދުވަހު ދައްކާ ހަލާސްކުރަން ޖެހެއެވެ.

ޓީބިލަކީ ކުރުމުއްދަތުގައި ސަރުކާރަށް ބޭނުންވާ ފައިސާ ހޯދުމަށް ޓްރެޒަރީ މެދުވެރިކޮށް ދޫކުރެވޭ އިންސްޓްރުމަންޓެކެވެ. އާންމުކޮށް މި މުއާމަލާތް ކުރެވެނީ ޑިސްކައުންޓު އަގެއްގައެވެ. އެ ފައިސާ އަނބުރާ ލިބޭއިރު ގަންނަ ފަރާތަށް ޑިސްކައުންޓު އަގު ފައިދާގެ ގޮތުގައި ލިބޭނެހެންނެވެ.

މީގެ ކުރިން ވެސް ސަރުކާރުން ވަނީ ކުރުމުއްދަތުގެ ގިނަ ޓީބިލް ތަކެއް ވިއްކާފައެވެ. އެގޮތުން، މިދިޔަ ޖެނުއަރީ މަހުގެ 31ވަނަ ދުވަހު ވެސް ވަނީ 1.8 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖެނުއަރީ މަހުގެ 17ވަނަ ދުވަހާ ހަމައަށް ސަރުކާރުން ދޫކުރި އެކި ސެކިއުރިޓީތަކުގެ ތެރެއިން އަނބުރާ ދައްކަން ޖެހޭ 57 ބިލިއަނަށްވުރެ ގިނަ ރުފިޔާ އެބަ ހުއްޓެވެ.

ޓީބިލުގެ އިތުރުން ސަރުކާރުން އަންނަނީ ސެކިއުރިޓީގެ ގޮތުގައި ސުކޫކާއި، ޓްރެޒަރީ ބޮންޑު ވެސް ދޫކުރަމުންނެވެ.

comment ކޮމެންޓް