ސަމަންދު ގޯޅީގައި ޕާކު ކުރާ އުޅަނދުތައް ޓޯ ކުރަން ފަށަނީ

ހ. ކަރަންކާ މަގު، ސަމަންދު ގޯޅި -- ސަން ފޮޓޯ/ ހައްޔާން

ހ. ކަރަންކާ މަގު، ސަމަންދު ގޯޅީގައި މާދަމާއިން ފެށިގެން ޕާކު ކުރާ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މާދަމާއިން ފަށައިގެން ސަމަންދު ގޯޅިއަކީ ދުއްވާ އެއްޗެހި ޕާކު ކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ކަނޑައަޅާފައެވެ.

ސަމަންދު ގޯޅީގައި ޕާކު ކުރުން މަނާ ކުރުމުން އެ ގޯޅީގައި ދިރިއުޅޭ ފަރާތްތަކުގެ ސައިކަލްތައް ދެން ޕާކު ކުރާނީ ހީނާމާގެ ޕާކިން ޒޯންގައި ކަމަށް ކައުންސިލުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ސަމަންދު ގޯޅިއަކީ ޕާކު ކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ސިޓީ ކައުންސިލުން ކަނޑައެޅުމުން، ގަވާއިދުގައިވާ ގޮތުގެ މަތިން އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށެވެ.

އެގޮތުން އެ ގޯޅީގައި ޕާކު ކުރާ އުޅަނދު ފަހަރުގައި ސްޓިކާ ޖެހުމުގެ އިތުރަށް އެ އުޅަނދެއް ޓޯ ކުރާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"އުޅަނދު ޓޯ ކުރާނީ އުޅަނދުގެ ވެރިފަރާތަށް ގުޅައި އުޅަނދު ނެގުމަށް އެދުމަށްފަހު، އެ އުޅަނދެއް ނުނަގާ ހުރެއްޖެ ނަމަ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ބުނީ ސަމަންދު ގޯޅީގައި ޕާކް ނުކުރެވޭ ގޮތަށް ހަމަޖެއްސީ އެ ގޯޅި ހަނިވެފައި އުޅަނދުތައް ޕާކް ކުރުމުން މަގު ބުލޮކްވެ، ހިނގާ ބިނގާވާ މީހުންނާއި ދުއްވާ އެއްޗެހީގައި އުޅޭ މީހުންނަށް ދައްޗާ ކުރިމަތިވާތީ ކަމަށެވެ.

އިތުރަށް ކައުންސިލުން ބުނީ މާލޭގެ މަގުތަކާއި ގޯޅިތަކަށް ބަދަލުތައް ގެންނަނީ އެ ހިސާބެއްގައި ދިރިއުޅޭ މީހުންނާ މަޝްވަރާ ކުރުމަށްފަހު، އެ ފަރާތްތަކުގެ ހިޔާލު ވެސް ހޯދައިގެން ކަމަށެވެ.

comment ކޮމެންޓް