ބީއެމްއެލްގެ އިސްލާމިކް ފައިނޭންސިންއަށް އާ ޑަައިރެކްޓަރެއް

ބީއެމްއެލްގެ އިސްލާމިކް ފައިނޭންސިން ޑައިރެކްޓަރަކަށް އައްޔަނުކުރި ހަސަން ކަލާމް --- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭންސިން ޑައިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު މިއަދު ހަމަޖައްސައިފިއެވެ.

އެ މަގާމަށް އައްޔަނުކޮށްފައި ވަނީ ކުރިން ބީއެމްއެލް އިސްލާމިކްގެ އިންޓެރިމް އިންޗާޖެއްގެ މަގާމުގައި ހުންނެވި ހަސަން ކަލާމެވެ.

ކަލާމް އަންނަނީ 2013ވަނަ އަހަރުން ފެށިގެން އެ ބޭންކަށް ހިދުމަތްކޮށްދެއްވަމުންނެވެ. އޭގެ އިތުރުން އޭނާ ވަނީ ފައިނޭންޝަލް ސާވިސް އަދި ބޭންކިންގެ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައެވެ. އަދި، އޭނާއަކީ ޝަރީއާ އެޑްވައިސިން ލައިސަންސް ހޯއްދަވާފައިވާ ބޭފުޅެއް ވެސް މެއެވެ.

މި މަގާމަށް ކަލާމް އައްޔަނުކުރުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ޓިމް ސޯޔާ ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި، ކަލާމުގެ ތަޖުރިބާގެ ބޭނުން ހިފައިގެން ބީއެމްއެލް އިސްލާމިކްގެ ހިދުމަތް އިތުރަށް ފުޅާކުރާއިރު ކަސްޓަމަރުންން ބޭނުންވާ ފަދަ ބަދަލުތަކެއް ގެނެވޭނެކަމަށެވެ.

ރާއްޖޭގެ އެންމެ ގިނަ މުވައްޒަފުން ތިބި އެއް ކުންފުނި ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސްގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.

comment ކޮމެންޓް