1.3 މިލިއަން ރުފިޔާގެ ބަނގުރާ ނައްތައިލައިފި

މިއަދު ދޫނިދޫގައި ނައްތާލި ބަނގުރާ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ މިއަދު ނައްތާލައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެ ތަކެތި ނައްތާލާފައިވަނީ މިއަދު ދޫނިދޫގައެވެ.

ފުލުހުން ބުނީ މިއަދު ނައްތާލީ ޖުމްލަ 25 މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށެވެ. އަދި މި ހުރިހާ މައްސަލައަކީ ވެސް ނިމިފައިހުރި މައްސަލަތަކެއް ކަމަށް ފުލުހުން ބުނެއެވެ.

މިއަދު ދޫނިދޫގައި ނައްތާލި ބަނގުރާގެ ބާޒާރުމަތީ އަގު 1.3 މިލިއަން ރުފިޔާއަށް އަރާކަމަށް ފުލުހުން ބުނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ އެކި ބްރޭންޑްތަކުގެ 717 ފުޅިއާއި ނުވަ ޕެޓްފުޅިއާއި 67 ބިޔަރު ދަޅު އަދި 46 އެހެނިހެން ތަކެއްޗެވެ.

މީގެ ދެ ހަފްތާ ކުރިން ކަސްޓަމްސްއިން ވެސް ވަނީ ގިނަ އަދަދެެއްގެ ބަނގުރާ ނައްތައިލައިފައެވެ. ކަސްޓަމްސްއިން ނައްތާލި ތަކެތީގެ ތެރޭގައި 1059.85 ލީޓަރު ބަނގުރަލާއި 8481.93 ބަނގުއާވިއެވެ.

ފާއިތުވި ދެ މަހެއްހާ ދުވަސް ތެރޭގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފައެވެ.

comment ކޮމެންޓް