ށ. ނޫމަރާގައި އިމާރާތްކުރާ އާ އިންޖީނުގެއަށް ބޭނުންވާ ސާމާނު ހިފައިގެން ދިޔަ ކޮޅުވެއްޓިއެއް ނެރު މައްޗަށް އުރި، ލަފާފުރުން މުޅިން ހުއްޓިއްޖެއެވެ.
ނޫމަރާ ކައުންސިލުގެ ރައީސް އަލީ ރަބީއު "ސަން"އަށް ވިދާޅުވީ އެ ހާދިސާ ހިނގައިފައިވަނީ އިއްޔެ މެންދުރުފަހު 13:50 ހާއިރު ކަމަށެވެ. އެ ކޮޅުވެއްޓީގައި 100ވަރަކަށް ފޫޓު ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރަބީއު ވިދާޅުވީ މި ވަގުތު އެ އުޅަނދު އޮތީ ނެރުގެ ހުޅަނގު ފަރާތު ތޮއްޓަށް އަރާފައި ކަމަށެވެ. އަދި ހުރަހަށް ވާގޮތަށް އަރާފައި ވުމުގެ ސަބަބުން ލަފާފުރުން މުޅީން ހުއްޓިފައިވާ ކަމަށް ވިދާޅުވިއެވެ.
"ބޯޓާ އިރުމަތީ ތޮއްޓާއި ދެމެދު މި އޮންނަނީ ކުޑަ ޖާގައެއް. އެތަނުގަ ވެސް ބޯޓު އިތުރަށް އެއްލާލަފާނެތީ ގިނަ އަދަދަކަށް ވާ އަޅާފަ ހުރީ. އެހެންވީމަ ޑިންގީއެއްގަ ވެސް ނުކުމެވޭނެ އެއްވެސް ގޮތެއް ނެތް" އޭނާ ވިދާޅުވިއެވެ.
މިހާރު އެ އުޅަނދު ފުންކުރުމަށްޓަކައި ނ. އަތޮޅުން ޓަގެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ނޫމަރާއަށް ވަންނަން އުޅުމުގެ ތެރޭގައި ގިނަ އުޅަނދުތަކެއް ވަނީ ނެރުމައްޗަށް އަރާފައެވެ. ރަބީއު ވިދާޅުވީ އެ ފަދަ ހާދިސާއެއް ނުހިނގާ މަހެއް މަދުވާނެ ކަމަށެވެ.
"މިދިޔަ ހަފުތާގެ ތެރޭގައި އެރީ ފެންބޯޓު. ދެން އޭގެ ކުޑަ ދުވަސް ކޮޅެއް ކުރިން އެފްއެސްއެމްގެ ތެޔޮ ބޯޓު." އޭނާ ވިދާޅުވިއެވެ.
2019 ވަނަ އަހަރު އެރަށު ފަރުމައްޗަށް "މެރިން ޕަވާ 2317" ނަމަކަށް ކިޔާ ބާޖެއް އެރުމުގެ ސަބަބުން ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭރު އީޕީއޭއިން ބުނީ 1632 އަކަމީޓަރުގެ ސަރަހައްދަކަށް އެ ބާޖުގެ ސަބަބުން ސީދާ ގެއްލުން ވެފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެ ބާޖުގެ ދިވެހި އޭޖެންޓު، ރޮހޮފް ޕްރައިވެޓް ލިމިޓެޑު ވަނީ 61.6 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެ ފައިސާއިން ކޮންމެ ވެސް މިންވަރެއް އެ ކައުންސިލަށް ދިނުމަށް އެދިފައިވީ ނަމަވެސް އަދި އަލިމަގެއް ނުފެންނަކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.