ހުޅުމާލޭ ކަންނެލި ޖެޓީގައި މަސްވެރިންނަށް މައިޒާނެއް ހުޅުވައިފި

ނައިބު ރައީސް ފައިސަލް ނަސީމް: ހުޅުމާލޭ "ކަންނެލި ޖެޓީ"ގައި މަސްވެރިންނަށް ހާއްސަ ކޮށްގެން ތަރައްގީ ކުރި މަސްވެރިންގެ މައިޒާން ހުޅުއްވައިދެއްވުން -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭ ކަންނެލި ޖެޓީގައި މަސްވެރިންނަށް ހާއްސަ ކޮށްގެން މައިޒާނެއް ހުޅުވައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރެޝަން (އެޗްޑީސީ)އިން ތަރައްގީކުރި އެ މަސްވެރިންގެ މައިޒާން ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މަސްވެރިންގެ މައިޒާން ހުޅުއްވައި ދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މަސްވެރިންނަށް ފަސޭހަ ރަނގަޅު ގޮތްތައް ހޯދައިދިނުމަކީ އަބަދު ވެސް ސަރުކާރުގެ އަމާޒެއް ކަމުގައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މަސްވެރިކަމުގެ ސިނާއަތަކީ ކޮވިޑާ ގުޅިގެން އެހެން ހުރީހާ ދާއިރާއެއް ވެސް ހުއްޓުމަކަށް އައިއިރު ހުއްޓުމެއް ނެތި ހިނގަގިނގާ އޮތް ސިނާއަތްކަން ފާހަގަ ކުރައްވާ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ޓަކައި ކުރެވޭ މަސައްކަތް ތަކުގައި ރާއްޖޭގެ ހުރިހާ ފަރާތްތަކުން ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ތަރައްގީ ކުރި އެ މައިޒާން ބިނާކުރުމުގެ ބޭނުމަކީ ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް، ހާއްސަކޮށް މަސްވެރި އުޅަނދު ފަހަރުގެ ފަޅުވެރިންނަށް ބޭނުންވާ ޒަރޫރީ ކަންކަން އެތަނުން ހަމަޖައްސައިދިނުން ކަމަށެވެ.

މި މައިދާނުގައި ފާހާނައާއި ހީޔާލު ބަދަލުކޮށްލާ ހެދުމަށް ޓަކައި އިށީންދެ ތިބެވޭ ސަރަހައްދަކާއި ކާނާއާ އެހެނިހެން ބާވަތްތަކުގެ ސާމާނު ގަނެވޭގޮތަށް "ޓަކް ޝޮޕް" ހިމެނެއެވެ.

comment ކޮމެންޓް