ޕްރިންސިޕަލެއް ނެތި ތިން އަހަރު، ފިއްލަދޫ ސުކޫލުގައި ތަޅުއަޅުވައި އިހުތިޖާޖުކޮށްފި

ފިއްލަދޫ ސުކޫލު ތަޅުއަޅުވައި މުޒާހަރާ ކުރަނީ --

ހއ. ފިއްލަދޫ ސުކޫލުގައި ތަޅުއަޅުވައި އެ ސުކޫލު ކައިރީގައި ބެލެނިވެރިންތަކެއް މިއަދު އިހުތިޖާޖުކޮށްފިއެވެ.

ބެލެނިވެރިން އިހުތިޖާޖުކޮށްފައިވަނީ އެ ސުކޫލުގައި ޕްރިންސިޕަލަކު ނެތި ތިން އަހަރުވެފައި ވާތީއެވެ.

އިހުތިޖާޖުގެ ބައިވެރިން ވަނީ ހެނދުނު ހަތެއް ޖަހާލާހާއިރު ސުކޫލު ކައިރިއަށް ގޮސް ސުކޫލު ތެރޭގައި މަސައްކަތު މީހުން ތިއްބާ އެތަނުގައި ތަޅު އަޅުވައިފައެވެ. އަދި އެ ވަގުތު ސުކޫލަށް ދަރިވަރުން ވަނަނުދީ ހިފެހެއްޓިއެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން "ސަން"އަށް ވިދާޅުވީ ޕްރިންސިޕަލަކު ނެތި މިހާރު ދެތިން އަހަރެއް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެންމެފަހުން ޕްރިންސިޕަލުން ނެތް ރަށްރަށަށް ޕްރިންސިޕަލުން ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ފިއްލަދޫ ސުކޫލް ވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑަށް ސިފަކުރެވެނީ ޕްރިންސިޕަލަކު ލިބެން އުޅޭތީއޭ މިހާރު މިކަން މިކުރަނީ،" ފަތުހުﷲ ވިދާޅުވިއެވެ.

"އެއްވެސް ބަޔަކަށް އެއްވެސް ތަނެއްގައި ތަޅެއް ނޭޅުވޭނެ. މުވައްޒަފުން އެތެރޭގައި ތިއްބާ ތަޅުއަޅުވާ ހިސޯރު ކުރާ ގޮތަކަށް އެކަމެއް ނުކުރެވޭނެ. އެކަމަކު އިހުތިޖާޖު ކުރަންވީ،" ފަތުހުﷲ ވިދާޅުވިއެވެ.

ފަތުހުﷲ ވިދާޅުވީ އިހުތިޖާޖުކުރުމުގައި އޭނާގެ މައްސަލައެއް ނެތްކަމަށެވެ. ނަމަވެސް ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރާ ގޮތަށް އެކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފަތުހުﷲ ވިދާޅުވީ މިހާރު އެ ތަނަށް ފުލުހުން ފޮނުވައިގެން ތަޅު ހަލާކުކޮށްލުމަށްފަހު ދަރިވަރުން ވައްދާ ކިޔެވުން ފަށައިފައިވާ ކަމަށެވެ.

ފިއްްލަދޫ ސުކޫލުގައި ބެލެނިވެރިންތަކެއް މުޒާހަރާ ކުރާ ވީޑިއޯއެއް މިއަދު މީސްމީޑިއާގައި ވެސް ދައުރުވިއެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން މާ ގިނަ ބަޔަކު އެ އިހުތިޖާޖަކު ނެތެވެ.

comment ކޮމެންޓް