"ކަޝްމީރު ސޮލިޑަރިޓީ ޑޭ" ރާއްޖޭގައި ފާހަގަކޮށްފި

ކަޝްމީރު ސޮލިޑަރިޓީ ޑޭ ފާހަގަކުރުމަށް ޕާކިސްތާން އެމްބަސީގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ: ޕާކިސްތާން އެމްބަސީ

ކޮންމެ ފެބްރުއަރީ މަހެއްގެ ފަސްވަނަ ދުވަހު ޕާކިސްތާނުގައި ފާހަގަކުރާ "ކަޝްމީރު ސޮލިޑަރިޓީ ޑޭ މިއަދު ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީގައި ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަ ކުރުމަށްޓަކައި މިއަދު ޕާކިސްތާން އެމްބަސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް ރިޓަޔާޑް އަތުހަރު މުޚްތާރު ވިދާޅުވީ ޕާކިސްތާނުން މި ދުވަސް ފާހަގަކުރަނީ ކަޝްމީރުގެ ރައްޔިތުން އަމިއްލަ ބާރުވެރިކަން ހޯދުމުގެ ހައްގަށް ތާއީދު ކުރުމުގެ ގޮތުން ކަމަށެވެ.

އަދި އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ބައިގައި ހިނގަމުންދާ ކަންކަމަކީ އިންސާނީ ހައްގުތަކާ ފުށުއަރާ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ކަޝްމީރު ސޮލިޑަރިޓީ ޑޭ ފާހަގަކުރުމަށް ޕާކިސްތާން އެމްބަސީގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ: ޕާކިސްތާން އެމްބަސީ

ކަޝްމީރުގައި އިންޑިއާއިން އެކި ކަހަލަ ނުބައި ކަންކަން ހިންގަމުން އަންނަ ކަމަށާއި، އަދި އެ ކަންކަމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގައުމުގެ ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރުމަށް އިސްލާމީ އުންމަތަށާއި، ބައިނަލްއަގުވާމީ މުޖުތަމައަށް އޭނާ ގޮވާލެއްވިއެވެ.

ޕާކިސްތާނުގެ އިތުރުން މި ދުވަސް އެމެރިކާގައި ވެސް ފާހަގަ ކުރެވެއެވެ. އެ ގައުމުގައި އެ ދުވަސް ފާހަގަ ކުރަނީ އެމެރިކާ-ކަޝްމީރު ދުވަހުގެ ނަމުގައެވެ.

އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ފަޅީގައި ކޮންމެ އަހަރަކު ވެސް އެކިކަހަލަ ހަރަކާތްތައް ހިންގައެވެ.

comment ކޮމެންޓް