ފޯކައިދޫ އާ އިންޖީނުގެ ރައީސް ސޯލިހު ހުޅުއްވައިދެއްވައިފި

ށ. ފޯކައިދޫ އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ފެނަކަ

ށ. ފޯކައިދޫގައި އަލަށް އިމާރާތް ކުރި އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.

މިއަދު ކޮމަންޑޫ ދައިރާއަށް ކަރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ސޯލިހު މިރޭ ފޯކައިދޫއަށް ވަޑައިގެން އެރަށުގައި ބޭނުންކުރަމުންއައި 26 އަހަރުވީ އިންޖީނުގެ ވަނީ ނިއްވާލާފައެވެ.

އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަސާސީ ހިދުމަތްތައް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި، ފެނަކައިން އާ އިންޖީނުގެތައް އިމާރާތް ކުރުމުގެ މަސައްކަތަކީ އެ ވައުދު ފުއްދުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

"ކަރަންޓަށް ޖެހިފައިވާ ހުރި ރަށްތަކުން ކަރަންޓަށް ޖެހިފައިވާ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ރަނގަޅަށް، ފަސޭހައިން ލިބިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މިރޭ ހުޅުވި އާ އިންޖީނުގެއަކީ އެންމެ ޒަމާނީ ފެންވަރަށް އިމާރާތްކުރެވިފައިވާ އިންޖީނުގެއެއް ކަމަށް ފެނައިކައިގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދު "ސަން"އަށް ވިދާޅުވިއެވެ.

ފޯކައިދޫގައި ބޭނުންކުރަމުންއައި އިންޖީނުގެ ނިއްވާލުމުގެ ތެރެއިން-- ފޮޓޯ/ފެނަކަ

ސައީދު ވިދާޅުވި ގޮތުގައި އެ އިންޖީނުގެއަކީ ކުރިއަށް އޮތް 40 އަހަރުގައި ވެސް އެންމެ ޒަމާނީ ހިދުމަތް ދިނުމުގައި ބޭނުންކުރުމުގެ ގާބިލުކަން ލިބިފައިވާ އިންޖީނުގެއެކެވެ. މީގެ އިތުރުން އެ ރަށުގެ ކަރަންޓުގެ ވިއުގަ އެޗްވީ ނެޓްވޯކަކަށް ބަދަލުކޮށްފައިވާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

"ރަށުގެ މިހާރު އިންސޯޓޮލް ކެޕޭސިޓީ މިހާރު 1.2 މެގަވޯޓުގެ ކެޕޭސީޓީއެއް ހުންނާނެ. ކުރިއަށް އޮތްތނުގައި ވެސް ބޮޑު ކުރަން ޖެހިދާނެ ހާލަތަށް ވެސް ވިސްނައިގެން ފަރުމާކުރެވުނު އިންޖީނުގެއެއް މި އިންޖީނުގެ އަކީ،" ސައީދު ވިދާޅުވިއެވެ.

މިއަހަރު ނިމުމުގެ ކުރިން ޒަމާނީ ފެންވަރަށް ތަރައްގީ ނުކުރެވި ހުރި ހުރިހާ އިންޖީނުގެއެެއް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ފެނަކައިން ބުނެއެވެ. މިހާތަނަށް 39 އާ އިންޖީނުގޭގެ މަސައްކަތް ފެނަކައިން ނިންމާފައިވާއިރު އަދި މިއަހަރު ނިމުމުގެ ކުރިން އިތުރު 30 އަށް ވުރެ ގިނަ އިންޖީނުގެ ނިންމާލެވޭނެކަމަށް ފެނަކައިން ބުނެއެވެ.

comment ކޮމެންޓް