ޕްރައިމަރީ ހެލްތުކެއާ ފެށުމަށް މީހުން ތަމްރީނުކޮށްފި

އައިޖީއެމްއެޗުގައި މަސައްކަތްކުރާ ނަރުހުން: ޕްރައިމެރީ ހެލްތު ކެއާ ފެށުމަށް މީހުން ތަމްރީނުކޮށް ނިމިފައިވާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޕްރައިމަރީ ހެލްތްކެއާގެ މަސައްކަތް ރާއްޖޭގައި ފެށުމަށް މީހުން ތަމްރީނުކޮށް ނިމިއްޖެކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޕްރައިމަރީ ހެލްތްކެއާ އިފްތިތާހު ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށާއި މިހާރު ކުރިއަށްދަނީ ޕްރައިމަރީ ހެލްތްކެއާއަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ކަމަށެވެ.

ޕްރައިމަރީ ހެލްތްކެއާގެ މަސައްކަތް އިފްތިތާހު ކުރުމުގެ ކުރިން އެކަމަށް ޚާއްސަ ގާނޫނެއް އެކުލަވާލަން ޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޕްރައިމަރީ ހެލްތު ކެއާ ލޯންޗް ކުރާއިރު އަޅުގަނޑުމެން ބޭނުންވާނެ މި ކަންތައްތައް ގެންދަން ވަކި މުއައްސަސާއެއް. މުއައްސަސާ ގާނޫނީ ގޮތުން ވުޖޫދަށް އަންނާނީ، މި ސެޝަން ތެރެއަށް އަޅުގަނޑުމެނަށް އެ ގާނޫނު ހުށަހެޅޭނެ. އެ ގާނޫނުގެ ދަށުން މިކަންކަން ކުރީމަ އަޅުގަނޑުމެނަށް އެ މެކޭނިޒަމް ބޭނުންކޮށްގެން ޕްރައިމަރީ ހެލްތު ކެއާގެ ކަންކަން ކުރިއަށް ގެންދެވޭނީ،" އޭނާ ވިދާޅުވިއެވެ.

ޕްރައިމަރީ ހެލްތްކެއާ ތައާރަފްވުން ވެގެންދާނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބެއް ގެނުވާނެ ކަމަކަށް ކަމަށް ނަސީމް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ސިއްހީ ތާރީޚް ރެކޯޑްކުރެވި ހެޔޮ އަގުގައި ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ފަހިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ޕްރައިމަރީ ހެލްތްކެއާގެ ޑޮކްޓަރު ވާނެ އެންމެންގެ ގާތް ރަހުމަތްތެރިއަކަށް. މަސައްކަތް ކުރާނީ އާއިލާއާ އެކީ އެހެންވީމަ ޑްރަގްގެ މައްސަލަތައް އިންތިހާއަށް ގޯސްނުވަނިސް އެކަންކަން ސަމާލުކަމަށް އަންނާނެ. އޭރުން އާއިލާގެ މީހުނަށް ދޭންޖެހޭ އެޑްވައިސް އާ އެކަމުގެ ތެރެއަށް ވަންނަން މަގުފަހިވެފަ ތިބޭ ކުދިންނަށް އެޑްވައިސް ދެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ލާމަރުކަޒު ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. އެގޮތުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލް ތަކުގައި މިހާރުވެސް ގިނަ އޮޕަރޭޝަންތައް ކަރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށާއި ސިއްހީ ޚިދުމަތް ހޯދަން މިހާރުވެސް ކޮންމެހެން މާލެއަށް އަންނަން ނުޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މަދު ކަމެއް ނޫނިއްޔާ މާލެއަށް އަންނާކަށް ނުޖެހޭނެ. ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންސަލްޓޭޝަން ހެދުމުގެ ކަންކަންވެސް އަޅުގަނޑުމެނަށް ކުރެވޭނެ. ކޮންމެ ކަމަކަށް މާލެއަންނަން ޖެހޭ ޖެހުން މިހާރު ހުއްޓިއްޖެ. އެކަން ނޯންނާނެ މިހާރު،" ނަސީމް ވިދާޅުވިއެވެ.

comment ކޮމެންޓް