ކޮވިޑް ޖެހިގެން ނައިފަރުން މީހަކު މަރުވެއްޖެ

ޅ. ނައިފަރު ---

ކޮވިޑް-19 ޖެހިގެން ޅ. ނައިފަރުން އިއްޔެ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ޅ. ނައިފަރު އަތޮޅު ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ މީހަކު އިއްޔެ 1:37ގައި މަރުވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އެއީ 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެހެންކަމުން މިހާރު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 279އަށް އަރައިފައެވެ.

ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓު ފެތުރި، ރާއްޖެއިން ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު މިދިޔަ މަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން 2،142 މީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 771 މީހަކު ހިމެނެއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދަކީ 17،721އެވެ. އޭގެ ތެރެއިން 62 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައެވެ.

comment ކޮމެންޓް