ދިރާސާއެއް ކުރުމަށްފަހު މި އަހަރު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނަން: ރައީސް

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށުގައި -- ފޮޓޯ/ އެމްޑީޕީ

ދިރާސާއެއް ހެދުމަށްފަހު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް ރައީސް ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ ޓީޗަރުންގެ މުސާރަ ބޮޑުކުރަން ނިންމައިފައިވާކަން އިއުލާންކުރައްވައިފައެވެ. އެގޮތުން އަންނަ މެއި މަހު ޓީޗަރުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމަންޑޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ 12،000 ރުފިޔާ ލިބޭ ޓީޗަރަކަށް 19،000 ރުފިޔާ ބޮޑުވާނެ ކަމަށެވެ. އަދި ހަމަ އެފަދައިން 21،000 ރުފިޔާ ލިބޭ ޕްރިންސިޕަލަކަށް މި ބަދަލާއެކު 32،000 ރުފިޔާ ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި 14،000 ރުފިޔާ ލިބޭ ޕްރިންސިޕަލަކަށް 28،000 ރުފިޔާ ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ މި ގެންނަ ރަނގަޅު ބަދަލަކީ، ހެޔޮ ބަދަލަކީ. އަޅުގަނޑުމެން މި ދައްކަނީ 9،775 ޓީޗަރުންނާއި 3،240 އެ ދާއިރާގައި މަސައްކަތް ކުރައްވާ އެކި މުވައްޒަފުންނާއި 250 ޕްރިންސިޕަލުން ހިމެނޭ ގޮތަށް 13،200އަށްވުރެ ގިނަ މީހުންގެ މުސާރަ ބޮޑުކުރާ ވާހަކަ. އަޅުގަނޑު ހިތުން މި ފައިސާ ވަންނާނީ ތިޔަ ބޭފުޅުންގެ ޖީބަށް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުމަށްފަހު ދެން އޮތީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ކަމަށެވެ. އަދި އެކަމަށް ކުރަން ޖެހޭ ދިރާސާ ކުރުމަށްފަހު މި އަހަރު ތެރޭގައި އެކަން ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރަން ވެސް ސަރުކާރުން ދިރާސާއެއް ހެދި ކަމަށެވެ. އަދި ހަމަ އެފަދަ ދިރާސާއެއް ސިއްހީ ދާއިރާއަށް ވެސް ކުރާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

"މިކަންތައްތައް އަޅުގަނޑުމެންނަށް ކުރެވޭނީ އަޅުގަނޑުމެންގެ ވިސްނުމުގައި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މުވައްޒަފުން ވަކާލާތު ކުރައްވައިގެން. އެހެންވީމަ ރާޑޯ ތިޔަ ބޭފުޅުން ހިޔާރުކުރައްވާ. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަވުމުގެ ޝަކުވާއަކީ އަބަދުވެސް ކުރާ ޝަކުވާއެކެވެ. އެ ގޮތުން ބޮޑު ހަރަދުކޮށްގެން ޑޮކްޓަރުކަން އަދި ނަރުސްކަން ކިޔަވައިގެން ކުދި އުޖޫރަތަކަށް މަސައްކަތްކުރަން ޖެހުމުގެ ކަންބޮޑުވުން އެ ދާއިރާގެ މުވައްޒަފުން އަބަދުވެސް ފާޅުކުރެއެވެ.

comment ކޮމެންޓް