ގާސިމަކީ އެމްޑީޕީގައި ނެތަސް ހަމަ އެމްޑީޕީގެ މެންބަރެއް: ދޮންބިލެތް

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް -- ފޮޓޯ މަޖިލިސް

ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަކީ އެމްޑީގައި ނެތަސް ހަމަ އެ ޕާޓީގެ މެންބަރެއް ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާއަށް ވާދަ ކުރައްވައި މުހައްމަދު ރާޝިދުގެ ކެންޕެއިންގައި ޤާސިމް އިބްރާހީމް ގެންދަވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެން މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ދޮންބިލެތް ވިދާޅުވީ އެމްޑީޕީއަށް ގޮނޑިއެއް ހޯދައިދޭން ޤާސިމް މަސައްކަތް ކުރެއްވިޔަސް ހައިރާން ނުވާ ކަމަށާއި ސަބަބަކީ އެމަނިކުފާނަކީ އެމްޑީޕީ އުފެއްދުމުގައި ވެސް މުހިއްމު ދައުރެއް އަދާ ކުރެއްވި ބޭފުޅެއް ކަމަށެވެ.

"ފުރަތަމަ ރާއްޖޭގައި ސާޅީސް ދެމީހަކު ސޮއިކޮށް އެމްޑީޕީ ކިޔާ ޕާޓީއެއް އުފެއްދުމަށް ޓަކައި މައުމޫން ސަރުކާރުގައި ލިސްޓެއް ހަދައިގެން ފޮނުވިއިރު އެ ލިސްޓުގެ އެންމެ ކުރީގައި އިން ނަމަކީ ޤާސިމް އިބްރާހީމްގެ ނަން،" ދޮންބިލެތް ވިދާޅުވިއެވެ.

"އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މިހާރު ނެތަސް ހަގީގަތުގައި އޮނަރަބްލް ޤާސިމް އިބްރާހީމަކީ އެމްޑީޕީގެ މެންބަރެއް. ދޭތެރެއަކުން ކުނި ޖެހެނު ނަމަވެސް ގާސިމަކީ އެމްޑީޕީގެ ވިސްނުމާ ފިކުރު ހުރި ބޭފުޅެއް،" އޭނާ ވިދާޅުވިއެވެ.

ދޮންބިލެތް ވިދާޅުވީ ރާއްޖޭގައި ކޯލިޝަން ސަރުކާރަކުން ވެރިކަން ކުރަމުން އަންނައިރު ޖުމްހޫރީ ޕާޓީއަކީ އެމްޑީޕީއަށް އެންމެ މުހިއްމު ޕާޓްނަރު ކަމަށެވެ.

"ޤާސިމް އިބްރާހީމަކީ ސިޔާސީ ގޮތުން އަދިވެސް މި ރާއްޖޭގައި ފުންނާބު އުސް ބޭފުޅެއް. ޤާސިމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ބޭފުޅެއް،" ދޮންބިލެތް ވިދާޅުވިއެވެ.

ދޮންބިލެތް ވިދާޅުވީ ނައިބު ރައީސް ކަމާއި ޓޫރިޒަމް މިނިސްޓަރު ކަމުގެ އިތުރުން ކުންފުނިތަކުގެ އެމްޑީންނަށް ވެސް ގިނައިން ތިއްބެވީ ޖުމްހޫރީ ޕާޓީއަށް ނިންބަތްވާ ބޭފުޅުން ކަމަށާއި އޭގެން ވެސް އެނގި ކަށަވަރު ވަނީ ދެ ޕާޓީގެ މެދުގައި އުފެދިފައި އޮތް ހަރުދަނާ ގުޅުން ކަމަށެވެ.

ރާޝިދުގެ ކެންޕެއިންގައި ޤާސިމް ބައިވެރިވީ އަމިއްލަ އެޖެންޑާއެއްގެ ދަށުން ކަމަށް ދެކެވޭ ވާހަކައަށް ވެސް ދޮންބިލެތް ވަނީ ރައްދު ދެއްވާފައެވެ.

އޭނާ ވިދާޅުވީ ސިޔާސީ ކޮންމެ ބޭފުޅެއްގެ ވެސް އަމިއްލަ އެޖެންޑައެއް އޮންނާނެ ކަމަށާއި އެގޮތުން ގާސިމް ވެސް އެ އުޅުއްވަނީ އަމިއްލަ އެޖެންޑާއެއް އޮވެގެން ކަމަށެވެ.

"ޤާސިމްގެ ވެސް އަމިއްލަ އެޖެންޑާއެއް އޮންނާނެ. ޤާސިމްގެ އެޖެންޑާއަކީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތްތައްވުން. އެއީ ޤާސިމްގެ އެޖެންޑާއަކީ. މިހާތަަނަށް ޤާސިމް ކުރައްވާފައި ހުރި މަސައްކަތް ތަކަށް ބެލީމަ އެކަން އެނގޭނެ،" ދޮންބިލެތް ވިދާޅުވިއެވެ.

ދޮންބިލެތް ވިދާޅުވީ ޖޭޕީ ވެސް ސަރުކާރު ތެރޭގައި އޮތްއިރު ކޮމަންޑޫ ދާއިރާއަށް ކުރިމަތިލީ އެމްޑީޕީ ކަމަށާއި އެހެންކަމުން އެ ޕާޓީއަށް ތާއީދު ކުރުމަކީ ވާޖިބެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދާއި ރައީސް ސޯލިހްގެ އިތުރުން ގާސިމް އިބްރާހީމް ގުޅިގެން ފެއްޓި އިސްލާހީ މަސައްކަތުގެ އެއްކޮޅުގައި އަދިވެސް އެ ހުންނެވީ ގާސިމް ކަމަށާއި އެކަމުން ވެސް އެނގެނީ އެމަނިކުފާނަކީ އެއްގޮތެއްގައި ސާބިތުވެ ހުންނެވުމުގައި ވެސް ނަމޫނާއެއް ކަމަށެވެ.

އިދިކޮޅަށް ބަހުގެ ހަމަލާއެއް ދެއްވަމުން ދޮންބިލެތް ވިދާޅުވީ ޤާސިމް ފަދަ ސިޔާސީ މައިދާނުގައި ނުފޫޒު ގަދަ ބޭފުޅަކު ދާއިރާއަށް ވަޑައިގެން އެ ކުރައްވާ މަސައްކަތުގެ ސަބަބުން ޕީޕީއެމާއި އެމްއެންޕީއަށް ހިތްދަތި އަސަރުތަކެއް ކުރާނެ ކަމަށެވެ.

comment ކޮމެންޓް