ފީފާ 22 އިން ގްރީންވުޑް އުނިކޮށްފި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ގްރީންވުޑް

މެންޗެސްޓާ ޔުނައިޓެޑްގެ ސްޓްރައިކާ މެސަން ގްރީން ވުޑް ފީފާ 22 އިން އުނިކޮށްފިއެވެ.

އީއޭ ސްޕޯޓްސް އިން ހިންގާ ފީފާ 22 އިން އޭނާ އުނިކޮށްފައިވަނީ ގްރީންވުޑް އޭނާގެ ލޯބިވެރިޔާއަށް ގެވެށި އަނިޔާކުރިކަން ދައްކުވައިދޭ ފޮޓޯތަކަކާއި ވޮއިސް ނޯޓެއް އާންމުވެ، މެންޗެސްޓާ ސަރަހައްދުގެ ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނިކޮށެވެ.

މިއަދު އީއޭ ސްޕޯޓްސް އިން ރިލީޒްކޮށްފައިވާ ޑޭޓާބޭސް އަޕްޑޭޓުގައި ގްރީންވުޑް ވަނީ ފީފާ 22 ގެ ހުރިހާ ޕްލެޓްފޯމު ތަކަކުން އުނިކޮށްފައެވެ. އޭގެ ތެރޭގައި ޕްލޭސްޓޭޝަން، އެކްސް ބޮކްސް އަދި ޕީސީ ވެސް ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން ނައިކް އިން ވެސް ގްރީންވުޑާ އެކު ހަދާފައިވާ ޑީލްތައް ވަނީ އުވާލާފައެވެ. ބީބީސީ އިން އާންމުކޮށްފައިވާ ގޮތުގައި ނައިކުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ގްރީންވުޑާއެކު ހަދާފައިވާ ހުރިހާ ޑީލެއް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

އަދި މި އަމަލަކީ ނައިކުން ކަންބޮޑުވާ ފަދަ އަމަލެއް ކަމަށާއި، ނައިކުން މިކަން ވަރަށް ގާތުން ބަލަމުން ދާނެ ކަމަށް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިވަގުތު ގްރީންވުޑް ހުރީ ހައްޔަރުކޮށްފައެވެ. ގްރޭޓާ މެންޗެސްޓާ ސަރަހައްދުގެ ފުލުހުން އާންމުކޮށްފައިވާ ބަޔާނެއްގައި ވާގޮތުން މިވަގުތު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިއެވެ. މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެނާއާ ސުވާލުކުރުން ކުރިއަށްދާ ކަމަށް އެ ބަޔާނުގައިވެއެވެ.

އަދި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އެއްވެސް ފަރާތެއްވާ ނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް އެންގުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ބައެއް ފަރާތްތަކުން ފުލުހުންނާ އެކަން ހިއްސާކުރަން ދަތިވާނަމަ، ގްރޭޓާ މެންޗެސްޓާ ވިކްޓިމްސް ސާވިސަސް އާ ހިއްސާކުރުމަށް އެދިފައިވެއެވެ.

comment ކޮމެންޓް