ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ނުދެވިވަނީ އެޗްއާރު މުވައްޒަފުން ޕޮޒިޓިވްވުމުން: މިނިސްޓްރީ

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

ސިއްްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ދިނުމުގައި ލަސްތަކެއް ދިމާވީ ހެލްތު މިނިސްޓްރީގެ ހިއުމަން ރިސޯސް (އެޗްއާރު) ޑިޕާޓްމަންޓްގެ ހުރިހާ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވުމުން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ މިއަދު "ސަން"އަށް ވިދާޅުވީ އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެޗްއާރު ޑިޕާޓްމަންޓް އެއްކޮށް ކޮވިޑަށް ޕޮޒިޓިވްވުމުން މުވައްޒަފުން ކަރަންޓީނަށް ދާން ޖެހުނީ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

"މާ ގިނަ ބަޔަކު ނުއެއް ތިބޭ އެ ސެކްޝަނަކު. އާދީއްތަ ދުވަހު އެކުދިންނަށް ރިލީޒް ލިބުނީ. އެޗްއާރު ސިސްޓަމްތަކަކީ ކޮންމެ ކޮންމެ މުވައްޒަފަކަށް ކުޅެވޭނެ ސިސްޓަމްތަކެއް ނޫން،" ޝަތުފާ ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތައް، ސިއްހީ މަރުކަޒުތައް އަދި ހެލްތު ޕޯސްޓުތަކަށް ވެސް މުސާރަ ޖަމާކުރަން ފޮނުވާނީ ހެލްތު މިނިސްޓްރީންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ގިނަ ރަށްތަކެއްގެ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އަދި މުސާރަ ޖަމައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން އެ މުވައްޒަފުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ޝަތުފާ ވިދާޅުވީ މުސާރަ ޖަމާކުރުމަށް ފިނޭންސް މިނިސްޓްރީއަށް މިހާރު ވެސް ފޮނުވަމުންދާ ކަމަށެވެ. އަދި މިރެއާ ހަމައަށް މުސާރަތައް ފޮނުވައި ނިންމާލެވޭނެކަމަށް ލަފާކުރާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އައިޖީއެމްއެޗާއި އެޗްޕީއޭގެ މުވައްޒަފުންގެ މުސާރަ ވެސް އަދި ޖަމާވެފައިނުވާއިރު އެކަމާ ގުޅިގެން ވެސް މުވައްޒަފުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ ތަންތަނުގެ މުސާރަ ޖަމާނުވަނީ މުސާރަ ޝީޓް ފޮނުވުން ލަސްވުމުން ކަމަށެވެ.

comment ކޮމެންޓް