ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް ބުނެ ޕީޕީއެމް އިން ޖުޑީޝަރީ ކޮމިޓީއަށް މައްސަލަ ހުށަހަޅައިފި

މި މައްސަލަ ޖުޑިޝަރީ ކޮމިޝަނަށް ހުށަހަޅާފައިވަނީ 27 ޖަނަވަރީގާއި ބޭއްވުނު ޔާމީންގެ އަޑުއެހުމުގައި އެކުލަވައިލި ތާވަލަށް ބޮޑު ބަދަލެއް ގެނައުމާއި ގުޅިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތަށް ސަރުކާރުން ނުފޫޒުފޯރުވާކަމަށް ބުނެ ޕީޕީއެމްއިން ޖުޑީޝަރީ ކޮމިޓީއަށް މައްސަލަ ހުށަހަޅައިފިއެވެ.

މި މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅާފައިވަނީ އެ މައްސަލާގައި 27 ޖަނަވަރީގާއި ބޭއްވި އަޑުއެހުމުގައި އެކުލަވައިލި ތާވަލަށް ބޮޑު ބަދަލެއް ގެނައުމާއި ގުޅިގެންނެވެ. އެގޮތުން މި އަހަރުގެ ނޮވެމްބަރު 25ވަނަ ދުވަހު ހުކުމް ކުރަން ނިންމާފައި އޮތް ނިންމުން ބަދަލުކޮށް، ޖޫން މަހު ހުކުމް ކުރާގޮތަށް މިހާރު ވަނީ ތާވަލްކޮށްފައެވެ.

ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، ރައްޔިތުން މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މިހާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްސަލަ ކޮވިޑް-19އާ ގުޅިގެން ފަސްކުރި ނަމަވެސް ރައީސް ޔާމީނުގެ ޝަރީއަތް ކުރިއަށް ގެންދިއުމުން ކޯޓުން ކުރާ ޝަރީއަތް އިންސާފުވެރި ޝަރީއަތެއް ކަމުގައި ގަބޫލުނުކުރެވޭކަމަށެވެ.

"ކޯޓުތަކުން ކުރާ ޝަރީއަތަކީ ހުރިހާ ފަރާތްތަކަކަށްވެސް އަދުލުވެރިކަމާއި އިންސާފުވެރި ކަމާއެކު ކުރެވޭ ޝަރީއަތަކަށް ވާންޖެހޭ. ނަމަވެސް މިހާރު ފެނިގެން މި ދަނީ ސަރުކާރުން ކޯޓުތަކުގެ ތެރެއަށް އަތްބާނާ، ރައީސް ޔާމީނުގެ ހައްގުތަކަށް އަރައިގަނެ ގާނޫނު އަސާސީގެ 20ވަނަ މާއްދާގަ ބުނާ ހަމަހަމަކަމުގެ ހައްގު ނިގުޅައިގަންނަމުން ދާތަން،" އެ ސިޓީގައި ބުނެފައިވެއެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

އެ މައްސަލައިގެ އިތުރުން، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރި މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ހުކުމް ކުރުންވެސް ވަނީ އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

ފުއްގިރި މައްސަލައިގައި ދައުވާ އުފުލީ އެ ރަށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް ލޯންޑަކުރި ކަމަށް ތުހުމަތު ކުރެވޭތީއެވެ.

އެ މައްސަލާގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމަންޓްސްގެ މައްޗަށް ކުރާ ތުހުމަތުތައް އެ ދެ ކުންފުނިން ވަނީ ދޮގުކޮށްފައެވެ.

މަހުލޫފުގެ މައްޗަށް ކޮށްފައި ވަނީ ރިޝްވަތުގެ ދައުވާއެވެ. އޭނާގެ މައްޗަށް އެ ދައުވާ އުފުލީ އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ.

comment ކޮމެންޓް