"ސަވާދީއްތަ ދަތުރު"ގައި ބައިވެރިވާ ނުވަ ޔޮޓެއް ރާއްޖޭގައި

އުލިގަމުގައި ޔޮަޓްތަކެއް ބަނދަރުކޮށްފައި --

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިންތިޒާމުކުރާ "ސަވާދީއްތަ ދަތުރު"ގައި ބައިވެރިވާ ނުވަ ޔޮޓެއް ހއ. އުލިގަމުގައި ބަނދަރުކޮށްފިއެވެ.

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު "ސަން"އަށް ވިދާޅުވީ މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ހަރަކާތެއް ކަމަށެވެ. "ސަވާދީއްތަ ދަތުރު"ގެ ނަމުގައި ކުރިއަށްދާ އެ ހަރަކާތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

"އަޅުގަނޑުމެން ހަމަ އެންމެ އުތުރުން ހއ އަތޮޅުން މި ފަށަނީ. ދެން ޖައްސާނީ މީހުން ދިރިއުޅޭ ރަށްތަކަށް އެހިސާބުގައި ހުރި. ބޮޑަށް ހަމަ ބޮޑުތަކުރުފާނުގެ ދަތުރު މި ދައްކުވައިދެނީ،" ރާއިދު ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ އުތުރުން ފަށާ މި ދަތުރު ނިންމުމަށް ހަމަޖެހިފައިވަނީ ބ އަތޮޅަށެވެ. ތިން ހަފްތާގެ މުއްދަތެއް ހޭދަވާ މި ދަތުރުގައި 11 ރަށަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގައި ޔޮޓުތައް ބައިވެރިވާ ގައުމުތަކުގެ ތެރޭގައި، އެމެރިކާ، އޮސްޓްރޭލިއާ، އަޔަލެންޑް، ތައިލެންޑް، ޔޫއޭއީ އަދި އިންޑިއާ ހިމެނޭކަމަށް ރާއިދު ވިދާޅުވިއެވެ.

"މިއީ ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ އިވެންޓަށް ވާތީ، އަޅުގަނޑުމެން އުންމީދެއް ނުކުރަން އެހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަކަށް. އެކަމަކު އަޅުގަނޑުމެންގެ ޓާގެޓް އިރާދަކުރެއްވިއްޔާ ހާސިލުވެއްޖެ،" އޭނާ ވިދާޅުވިއެވެ.

މި ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލެއްވި ގޮވާލެއްވުމަށް ދެވޭ އިޖާބައެއް ކަމަށް ރާއިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަދަ ރެލީ ތަކަކީ ރާއްޖޭގެ ތާރީހާއި ސަގާފަތު ފަތުރުވެރިންނަށް ދައްކާލެވޭނެ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ކޮންމެ އަހަރަކު ވެސް މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުން،" ރާއިދު ވިދާޅުވިއެވެ.

މި ދަތުރަށް "ސަވާދީއްތަ" ދަތުރުގެ ނަން ދީފައިވަނީ ބޮޑުތަކުރުފާނުގެ ރަސްކަމުގެ ކޮލީ ނަންފުޅަށް ނިސްބަތްކޮށެވެ. އެ ރަދުންގެ ކޮލީ ނަންފުޅަކީ "ސިރީ ސަވާދީއްތަ މަހާރަދުން"ނެވެ.

comment ކޮމެންޓް