އިރުމަތީ ގުދުސްގެ ގެތައް އިޒްރޭލުން ހަލާކުކުރާ މައްސަލަ ބައިނަލްއަގުވާމީ ކޯޓަށް

ނެދަލެންޑުގައި ހުންނަ ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓު

އިޒްރޭލުން ހިސޯރުކޮށްފައިވާ ފަލަސްތީނުގެ އިރުމަތީ ގުދުސްގެ ގެތައް އިޒްރޭލުގެ އިދާރާތަކުން ތަޅައި ސުންނާފަތި ކުރާ މައްސަލަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ހުށަހަޅައިފިއެވެ.

މިދިޔަ ހަފްތާގައި އިރުމަތީ ގުދުސްގެ ސަރަހައްދެއްގައި ތިބި ގެތައް ތަޅައި ސުންނާފަތި ކުރުމުގެ މަސައްކަތް ގުދުސްގެ މުނިސިޕަލްޓީން ވަނީ ފަށާފައެވެ.

މި މަސައްކަތުގެ ސަބަބުން ނުވަ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، 15 އާއިލާއެއް ވަނީ މަގުމަތި ވެފައެވެ.

ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް އެ ސަރަހައްދުގެ ރައްޔިތުން އެދޭ އިރުމަތީ ގުދުސްގައި އިޒްރޭލުގެ ސިފައިންނާއި އެހެނިހެން އިދާރާތަކުން އަންނަނީ ތަފާތު އެކި ލާއިންސާނީ އަމަލުތައް ހިންގަމުންނެވެ.

މި ލާއިންސާނީ އަމަލުތަކުގެ ސަބަބުން 100 އަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

އިރުމަތީ ގުދުސްގެ ޝެއިޚް ޖައްރާގައި ދިރިއުޅެމުންދިޔަ އާއިލާއެއްވެސް މީގެ ކުރިން އިޒްރޭލުގެ ސިފައިން ވަނީ މަގުމަތިކޮށްފައެވެ. ނަމަވެސް އެ އާއިލާއިން ވަނީ އިޒްރޭލާ ދެކޮޅަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި ދައުވާކުރަން ނިންމާފައެވެ.

"މިއީ އިންސާފެއް ނޫން. އިޒްރޭލު ރައްޔިތެއްގެ ހައިސިއްޔަތުން އަހަރެން އަމިއްލަ ގައުމާމެދު މިވަނީ އިތުބާރު ގެއްލިފައި،" ފަލަސްތީނުގެ ރައްޔިތެއްކަމަށްވާ މަހުމޫދުގެ އަންހެނުން ލިތަލް ބުންޏެވެ.

ލިތަލް އާއި އޭނަގެ އާއިލާއިން ވަނީ އިޒްރޭލުން ހިންގި އެ ޖަރީމާއާ ދެކޮޅަށް އަޑުއުފުލާފައެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން އިޒްރޭލުން ވަނީ އެ އާއިލާގެ މެމްބަރުން ޖަލަށް ލާފައެވެ.

ކަފާލާތުގެ ދަށުން އެ އާއިލާ މިނިވަންވެފައިވާއިރު، އެމީހުންނާއި އިރުމަތީ ގުދުސްގައި އުޅޭ ފަލަސްތީނުގެ އެހެން ރައްޔިތުންގެ ހައްގުގައި އެ އާއިލާއިން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުލަން ނިންމާފައެވެ.

comment ކޮމެންޓް