ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އުޅެނީ ސަރުކާރުގެ ތެރެއިން އަމިއްލަ އެދުން ހާސިލުކުރަން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަކުރާ މުހައްމަދު ރާޝިދަށް ތާއީދު ހޯއްދެވުމަށް ގާސިމް އެ ދާއިރާއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން އަދުރޭ "ސަން"އަށް ވިދާޅުވީ ގާސިމް އެ މަސައްކަތް ކުރައްވަނީ އިޚްލާސްތެރި ނިޔަތެއްގައި ނޫންކަމަށެވެ.
އޭނާ ވިދާޅުވީ 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެނަމަ ރާއްޖޭގައި ބުދުފައްޅި އަޅާނެ ކަމަށް އެ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ގާސިމް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އޭނާ އަކީ ދެ އަނގައިން ވާހަކަ ދައްކަވާ އަދި އެއްވެސް ތާނކުން ތާކު ނުޖެހޭ ވާހަކަ ދައްކަވާ ބޭފުޅެއްކަން މިއަދު ހާމަވެފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
"ދެ އަނގައިން ވާހަކަ ދައްކާ ބޭފުޅެއް ގާސިމަކީ. އަބަދުވެސް އިސްކުރައްވަނީ އަމިއްލަ އެދުން. ސަރުކާރުގެ ތެރެއިން އެކި އެކި މަންފާ ހޯއްދެވުމަށްޓަކައި ކުރައްވާ މަސައްކަތް އެކުރައްވަނީ،" އަދުރޭ ވިދާޅުވިއެވެ.
ގާސިމް އަބަދުވެސް މަސައްކަތް ކުރައްވަނީ ސަރުކާރުގެ ތެރެއިން އޭނާގެ ވިޔަފާރިއަށް ބަދަލު ހޯއްދަވަން ކަމަށާއި ރިސޯޓް ހަދަން ސަރުކާރުން ވިލާ ކުންފުންޏާ ހަވާލުކުރި އެއްވެސް ރަށެއް މިއަދާހަމައަށް ވެސް ނިމިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިސޯޓް ހަދަން ވިލާ ކުންފުންޏަށް ދޫކޮށްފައިވާ ފަޅުތަކާއި ފިނޮޅުތަކާއި ރަށްތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އަތުލާން ޖެހުނީ އެ ތަންތަނުގައި ރިސޯޓް ނެހެދި ދިގު ދެމިގެންދާތީ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ގދ. ކާޑެއްދޫ އެއާޕޯޓް އަލުން ވިލާ ކުންފުންޏާ ހަވާލުކުރަން އުޅޭތީ އަދުރޭ ވަނީ އެކަމަށް ވެސް ފާޑުވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެ އެއާޕޯޓް ވެސް ވިލާ ކުންފުނިން ނެގީ އެތަނަށް ގެންނަންޖެހޭ ތަރައްގީ ގެންނަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ ކަމަށެވެ. އަދި އަލުން އެ އެއާޕޯޓް އެ ކުންފުންޏާ ހަވާލުކުރިޔަސް އެތަނަށް ތަރައްގީ ގެނެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
"އަބަދުވެސް ބަލަންޖެހޭނީ މާޒީގައި ކަން ހިނގާފައި އޮންނަގޮތަށް. ބަލާއިރު މިހާތަނަކަށް ނެތް އެކަން ކުރެވިފައެއް. އެހެންވީމަ އަދި ކުރިއަށް އޮތްތަނުގަ ވެސް ކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ ކެމްޕެއިން ޖަލްސާތަކުގައި ގާސިމް ވިދާޅުވެފައި ކޮމަންޑޫ ދާއިރާ ތަރައްގީވެ ކުރިއަރާނީ ރައީސުލްޖުމްހޫރިއްޔާގެ ރުހުމާއި ލޯބި ލިބިގެން ކަމަށެވެ. އަދި މަންމަ އާއި ބައްޕައާ ދެކޮޅަށް ވޯޓުލާން ޖެހުނު ނަމަވެސް ދާއިރާގެ ތަރައްގީއަށް އެދޭނަމަ މި އިންތިޚާބުގައި އެމްޑީޕީއަށް ވޯޓުދިނުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.