އަންނަ މަހުން ފެށިގެން ހައްޖާއި އުމްރާއަށް ދެވޭނީ ބޫސްޓާ ޑޯޒް ޖަހައިގެން

ސައުދީ އަރަބިއާއިން މީހުންގެ ސިއްހީ ހާލަތު ދެނެގަތުމަށް ތައްޔާރު ކޮށްފައިވާ "ތަވައްކަލްނާ" އެޕްލިކޭޝަން -- ފޮޓޯ/ ސައުދީ ގެޒެޓް

އަންނަ މަހުން ފެށިގެން ހައްޖާއި އުމްރާއަށް ދެވޭނީ ބޫސްޓާ ޑޯޒް ޖަހައިގެން ކަމަށް ސައުދީ އަރަބިއާއިން ކަނޑައަޅައިފިއެވެ.

ސައުދީ އަރަބިއާއިން މީހުންގެ ސިއްހީ ހާލަތު ދެނެގަތުމަށް ތައްޔާރު ކޮށްފައިވާ "ތަވައްކަލްނާ" އެޕްލިކޭޝަނުން، 18 އަހަރުން މަތީގެ މީހުން ވެކްސިން ފުރިހަމަ ކުރި ކަމަށް ދެން ބަލައިގަންނާނީ ވެކްސިންގެ ދެ ޑޯޒް ޖަހައި އަށް މަސް ވެފައި ވާނަމަ، ބޫސްޓާ ޑޯޒް ވެސް ޖެހުމުން ކަމަށް ސައުދީ ގެޒެޓް ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ސައުދީގައި ބޫސްޑާ ޑޯޒް އަވަހަށް ޖެހުމަށް ބާރު އެޅުމުގެ ގޮތުން، ދެ ޑޯޒް ޖަހައި އަށް މަސް ވެފައިވާ މީހުން ފެސިލިޓީ ތަކަށާއި މީހުން އެއްވެ އުޅޭ ތަންތަނުގެ އިތުރުން މުނިފޫހިފިލުވާ ތަންތަނާއި އެއާޕޯޓް އަދި އާއްމު ދަތުރުފަތުރު ކުރާ ތަންތަނުގައި ވެސް ނޫޅެވޭ ގޮތަށް އެގައުމުގެ މިނިސްޓްރީ އޮފް އިންޓީރިއާއިން ވަނީ ނިންމާފައެވެ.

ތަވައްކަލްނާ އެޕްލިކޭޝަނަކީ ކޮވިޑް19 އާ ގުޅިގެން ސައުދީގެ ހެލްތު މިނިސްޓްރީއިން އެޕްރޫވްކޮށް، ސިއްހީ ހާލަތު ދެނެގަތުމަށާއި ކޮންޓެކްޓް ޓްރޭސިންއަށް އެ ގައުމުގައި ރަސްމީކޮށް ބޭނުންކުރާ އެޕްލިކޭޝަނެވެ.

ސައުދީގައި އެއްތަނުން އަނެއްތަނަށް ވަދެ ނިކުތުމުގެ ހުއްދަ ދެނީ މި އެޕްލިކޭޝަން މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ދެނެގަތުމަށްފަހުގައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި އެޕްލިކޭޝަން ބޭނުން ނުކުރާ ފަރާތްތަކަށް ސައުދީގެ އާންމު ތަންތަނަށް ވަދެ ނިކުމެ ނުހެދޭނެއެވެ.

މި އެޕްލިކޭޝަން ބޭނުންކުރެވޭ 70އަށް ވުރެ ގިނަ ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ. އަދި ސައުދީ އަރަބިއާގެ ރައްޔިތުން އެގައުމުތަކަށް ދަތުރުކުރާއިރު، އަދި މިގައުމުތަކުގެ ރައްޔިތުން ސައުދީއަށް ދަތުރު ކުރާއިރު އެ އެޕްލިކޭޝަން ބޭނުންކުރަން ޖެހެއެވެ.

comment ކޮމެންޓް