ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވުޝޯލޫ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މިނިސްޓަރު ޗަވުޝޯލޫއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
މިނިސްޓަރު ޗަވުޝޯލޫ ރާއްޖެ ވަޑައިގެންނެވީ ޝާހިދުގެ ދައުވަތުފުޅަކަށެވެ. މި ދަތުރުފުޅުގައި ދެ މިނިސްޓަރުންގެ ރަސްމީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާނެއެވެ.

ތުރުކީގެ ފޮރިން މިނިސްޓަރަށް ވެލާނާ އެއާޕޯޓުން މަރުހަބާ ވިދާޅުވީ މިނިސްޓަރު ޝާހިދު -- ފޮޓޯ/ ފޮރިން މިނިސްޓްރީ
މީގެ އިތުރުން ތުރުކީގެ ފޮރިން މިނިސްޓަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލުކުރައްވާނެއެވެ.
ޗަވުޝޯލޫ ތުރުކީގެ ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތީ 2015ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ކުރިން 2014ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން 2015ވަނަ އަހަރުގެ އޯގަސްޓު މަހާ ހަމައަށް ވެސް އޭނާ ވަނީ އެ މަގާމު ފުރުއްވާފައެވެ.
މިއީ ތުރުކީގެ ފޮރިން މިނިސްޓަރަކު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ތުރުކީ އާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުންތައް ގާއިމުކުރީ 1979 ވަނަ އަހަރެވެ. ދިވެހީން ޗުއްޓީ ހޭދަކުރުމަށް ދާ މަގުބޫލު މަންޒިލަކަށް ތުރުކީ ވެފައިވާއިރު، ދެ ގައުމުގެ ދޭތެރޭގައި އުފެދޭ ވިޔަފާރީގެ ގުޅުންތައް ވެސް މިހާރު ދަނީ އިތުރުވަމުންނެވެ.