ހިރިމަރަދޫ ރާޅުޖަހާ ހިސާބު މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހިރިމަރަދޫ މަތިން ނަގައިފައިވާ ފޮޓޯއެއް --

ހދ. ހިރިމަރަދޫ ރާޅުޖަހާ ހިސާބު މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ހިރިމަރަދޫގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނައް އިއްޔެ މެންދުރު 1:30ހާއިރު ލިބިފައިވާ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ 71 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އެ ރަށު އަތިރިމަތީ ރާޅުޖަހާ ހިސާބު މޫދުންނެވެ.

ހިރިމަރަދޫ "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ އާއްމުކޮށް މީހުން މޫދަށް އެރިއުޅޭ ސަރަހައްދަކުން ކަމަށެވެ. އަދި އޭނާއަކީ ކަސްރަތުކޮށްލުމަށް އާއްމުކޮށް މޫދަށް އެރި އުޅޭ މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އެއީ ހަމަ ގުދުރަތީ މަރެކޭ ބުނެވޭނީ. އަނެއްކަހަލަ ކަމެއް ނެތް،" އޭނާ ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެ މީހާގެ ހަށިގަނޑުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައި ވެސް ފުލުހުން ބުނެއެވެ.

comment ކޮމެންޓް