މެކްސިކޯގައި ޑުރަގާ ދެކޮޅަށް މަސައްކަތްކުރި އިސް ވެރިއަކު ރިޝްވަތު ނެގިކަން ސާބިތުވެ، ބޮޑު ޖަލު ހުކުމެއް

މެކްސިކޯގެ ކުރީގެ ފެޑެރަލް ޕޮލިހުގެ ކުރީގެ ވެރިޔާ ޖެނާރޯ ގާސިއާ ލޫނާ: އޭނާގެ މައްޗަށް ވަނީ މަސްތުވާތަކެތީގެ ކާޓޭލްތަކުން ބޮޑެތި ރިޝްވަތުތަކެއް ނެގުމުގެ ކުށް ސާބިތުވެފައި -- ފޮޓޯ/ރޮއިޓާސް

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އެހީތެރިވެ، ބޮޑެތި ރިޝްވަތު ނެގިކަމުގެ ތުހުމަތުގައި މެކްސިކޯގެ ކުރީގެ ސެކްރެޓަރީ އޮފް ޕަބްލިކް ސެކިއުރިޓީ، ޖެނާރީ ގާސިއާ ލޫނާއަށް 38 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ޖަލު ހުމުގެ އިތުރުން ލޫނާ ވަނީ ދެ މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފައެވެ. އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް މެކްސިކޯއިން ކުރާ މަސައްކަތުގެ މާސްޓާމައިންޑްގެ ގޮތުގައި ކުރިން ތައުރީފުކުރި މީހެކެވެ.

ލޫނާގެ މައްޗަށް މިދިޔަ އަހަރު ނިއުޔޯކުގެ ޖޫރީން ވަނީ އޭނާ ސަޕޯޓުކުރާ ސިނަލޯއާ ކާޓޭލް ހިމާޔަތްކުރުމަށް އެތައް މިލިއަން ޑޮލަރެއްގެ ރިޝްވަތުގެ ނެގިކަމުގެ ކުށް ސާބިތުވެފައިވާ ކަމަށް އިއުލާނުކޮށްފައެވެ. އޭނާއަކީ މިހާތަނަށް އެމެރިކާގައި ކުށް ސާބިތުވި، މެކްސިކޯގެ އެންމެ މަތީ ފަންތީގެ އޮފިޝަލެވެ.

ބުދަ ދުވަހު ބްރޫކްލިންގައި ބޭއްވި ހުކުމް އިއްވުމުގެ އަޑުއެހުމުގައި ލޫނާ ބުނީ، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ކުށްވެރިންނާއި މެކްސިކޯ ސަރުކާރުން ދިން ދޮގު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކުރި ދައުވާއެއް ކަމަށެވެ.

"އަހަރެން ގާނޫނަށް އިހުތިރާމުކުރަން. އަހަރެން ކުށެއް ނުކުރަން،" ސްޕެނިޝް ބަހުން އޭނާ ބުންޏެވެ.

ޕްރިސެކިއުޓާ ޖެނެރަލް ވަނީ ލޫނާ އުމުރަށް ޖަލަށް ލުމަށް އެދިފައެވެ. ނަމަވެސް، އޭނާގެ ވަކީލުން ވަނީ އޭނާ 20 އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށް ނުލެވޭނެ ކަމަށް ބުނެފައެވެ.

މެކްސިކޯގެ "ސުޕަ ކޮޕް"

ލޫނާއަކީ މެކްސިކޯގެ ފެޑެރަލް ޕޮލިހުގެ ކުރީގެ އިސްވެރިޔާއެވެ. އޭގެ ފަހުން އޭނާ ވަނީ މެކްސިކޯގެ ކުރީގެ ރައީސް ފެލިޕޭ ކަލްޑެރޮންގެ ވެރިކަމުގެ ތެރެއިން 2006 އިން 2012 އަށް އެ ގައުމުގެ އެންމެ މަތީ ސަލާމަތީ އޮފިޝަލެއްގެ ގޮތުގައި ކެބިނެޓް ފެންވަރުގެ މަގާމެއް ވެސް ފުރުއްވާފައެވެ.

މަސްތުވާތަކެތީގެ ކާޓޭލްތަކާ ދެކޮޅަށް ކަލްޑެރޯން ކުރި މަސައްކަތުގެ މާސްޓާމައިންޑުގެ ގޮތުގައި ލޫނާ ބެލެވުނުއިރު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ކުރާ މަސައްކަތަށް އެމެރިކާއިން އޭނާއަށް ތައުރީފުކުރިއެވެ.

މެކްސިކޯ ސިޓީގެ ފެޑެރަލް ޕޮލިސް ސެންޓަރަކަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަންގެ އަރިހުގައި ލޫނާ. ފޮޓޯ/ރޮއިޓާސް

ދޮގު ބަޔާންތަކެއް ދިނުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ރޭވި ރޭވުމެއްގެ މައްސަލައިގައި އެމެރިކާ ސަރުކާރުން ލޫނާ ފުރަތަމަ ހައްޔަރުކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އެމެރިކާގެ ޕީޖީން ބުނީ، އެތައް މިލިއަން ޑޮލަރެއްގެ ބަދަލުގައި ސިނަލާއޯ ކާޓޭލްއާ ދެކޮޅަށް ހިންގާ ތަހުގީގުތަކާއި ވާދަވެރި ގޭންގުތަކާ ބެހޭ މައުލޫމާތާއި ގިނަ އަދަދެއްގެ މަސްތުވާތަކެތި ރައްކާތެރިކަމާ އެކު ފޮނުވާލުމާ ބެހޭ ޖާސޫސީ މައުލޫމާތު ކާޓެލްތަކަށް ލޫނާ ފޯރުކޮށްދީފައިވާ ކަމަށެވެ.

އޭގެ ފަހުން 2021 ވަނަ އަހަރު މެކްސިކޯ ސަރުކާރުން ވަނީ ގަވާއިދާ ޚިލާފަށް ސަރުކާރުގެ އެއްބަސްވުންތަކެއް ދޫކޮށްގެން ހޯދާފައިވާ 250 މިލިއަން ޑޮލަރު ހޯދުމަށް، ފްލޮރިޑާގެ ކޯޓެއްގައި ލޫނާއާއި އޭނާގެ އަންހެނުންގެ މައްޗަށް ދައުވާކޮށްފައެވެ.

ލޫނާއާ ދެކޮޅަށް ހުރި ހެކިތަކަށް ބަލާއިރު، ސިނަލޯއާގެ ކުރީގެ ވެރިޔާ ޖޯކިން އެލް ޗާޕޯ ގުޒްމަންގެ ޝަރީއަތުގައި 2018 ވަނަ އަހަރު ކާޓޭލްގެ ކުރީގެ މެންބަރަކު ހެކިބަސް ދިން ގޮތުގައި އޭނާ އަމިއްލައަށް ގާތްގަޑަކަށް ހަ މިލިއަން ޑޮލަރު ލޫނާ އަތަށް ދިނެވެ. އަދި، އޭނާގެ ހިމާޔަތަށް 50 މިލިއަން ޑޮލަރު ދިނުމަށް ކާޓެލްގެ މެންބަރުން އެއްބަސްވެފައިވާ ކަމަށް ބުންޏެވެ.

ރިޝްވަތުގެ ފައިސާއިން ލޫނާ އަމިއްލަ ޒުލެއް ވެސް ގަނެފައިވާ ކަމަށް ބައެއް ހެކިވެރިން ވަނީ ހެކިބަސް ދީފައެވެ.

މިދިޔަ އަހަރުގެ ހުކުމުގެ ކުރިން ހެއްކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ލޫނާ ވަނީ ނިއުޔޯކުގެ ބްރޫކްލިންގެ މެޓްރޮޕޮލިޓަން ޑިޓެންޝަން ސެންޓަރުގައި ތިބި އެތައް ގައިދީންނަކަށް ރިޝްވަތު ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް ޕްރޮސެކިއުޓަރުން ތުހުމަތުކޮށްފައިވެއެވެ.

comment ކޮމެންޓް