ކެއާ ސޮސައިޓީގެ ބޯޑަށް ޝަފާއު

މުހައްމަދު ޝަފާއު ހަސަން (ކ) ---

ހާއްސަ އެހީއަށް ބޭނުންވާ މީހުނާއި ކުދީންނަށް އެހީތެރިވާ ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރު ކަމަށް މުހައްމަދު ޝަފާއު ހަސަން އައްޔަން ކޮށްފިއެވެ.

ކެއާ ސޮސައިޓީގެ އެގްޒެކެޓްވް ބޯޑުގައި ޝަފާއުއާއެކު ޖުމްލަ ހަތް މެންބަރުން ތިބޭނެއެވެ.

މީގެ ކުރިން ވެސް ކެއާ ސޮސައީޓީއަށް އެހީތެރިވެދުނުމުގައި ދެމިހުންނެވި ޝަފާއު އަކީ މިހާރު ރީޖަނަލް އެއާޕޯޓްސްގެ އެގްޒެކެޓިވް ބޯޑުގެ ވެސް މެންބަރެކެވެ. މީގެ އިތުރުން މީޑިއާ ކައުންސިލްގެ މެންބަރުކަން ވެސް އޭނާ ކުރައްވައެވެ.

ކެއާ ސޮސައިޓީ އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތައުލީމީ އަދި އެހެނިހެން ރިހިބިލިޓޭޝަން ހުނަރުތައް ދަސްކޮށްދިނުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ.

އެހެން ޖަމްއިއްޔާތަކާ ޚިލާފަށް ކެއާ ސޮސައިޓީއަކީ ހުރިހާ ބާވަތެއްގެ ނުކުޅެދުންތެރިކަމަކަށް ވެސް ފަރުވާ ދެމުންދާ ޖަމުއްޔާއެކެވެ. ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އެތަނުން ހިދުމަތްދޭތާ މިހާރު 24 އަހަރުވެފައި ވެއެވެ.

comment ކޮމެންޓް