ކިޔެވުން އޮންލައިންކުރަން ވިސްނުމެއް ނެތް: އެމްއެންޔޫ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ޔުނިވާސިޓީ ކުރިމަތީ މަޑުކޮށްލައިގެން -- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

އޮންލައިންކޮށް ކިޔަވައިދޭގޮތަށް ބަދަލުކުރަން ވިސްނުން ނުގެންގުޅޭ ކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބުނެފިއެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސް ދުވަސްވަރު އޭރު ކިޔަވައިދިނީ އޮންލައިންކޮށެވެ. އަލުން ޔުނިވާސިޓީތައް ހުޅުވަން ކައިރި ވެފައިވާއިރު ކޮވިޑްގެ ހާލަތު އަނެއްކާވެސް މިވަނީ ގޯސްވާން ފަށައިފައެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް "ސަން"އަށް ވިދާޅުވީ ވިސްނުން ހުރީ ހާޒިރުވެގެން ކިޔެވުން ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ. އަދި އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދަން ވިސްނުން ނުގެންގުޅޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެމްއެންޔޫގެ ގިނަ ދަރިވަރުންތަކެއް ތިބީ ވެކްސިން ޖަހައިފައި ކަމަށެވެ. އެހެންކަމުން، ކޮވިޑް ޖެހުނު ކަމުގައި ވިޔަސް ބަލިބޮޑު ނުވާނެކަމަށް ލަފާކުރާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރުވަމުންނެވެ. ޝަރީފް ވިދާޅުވީ ޕޮޒިޓިވްވާ ކުދިންނަށް އަދި ޑައިރެކްޓް ކޮންޓެކްޓްވާ ކުދިންނަށް އޮންލައިންކޮށް ކްލާސްތައް ފޮލޯކުރެވޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށެވެ.

"ހައިބްރިޑް ސިސްޓަމެއް ގޮތަށް ގެންދާނީ ދެން. އަޅުގަނޑު ގަބޫލު ކުރަނީ ރަނގަޅަށް ދާނެކަމަށް،" ޝަރީފް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ފުރަތަމަ ރާޅު 2020ވަނަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ބިންދާލުމުން ޔުނިވާސިޓީގެ ކިޔެވުން އޮންލައިން ކުރިއެވެ. އެގޮތަށް އެތައް ދުވަހަކު އޮތުމަށްފަހު ހާޒިރުވެގެން ކިޔަވައިދޭން ފެށީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ.

comment ކޮމެންޓް