ތިން ރަށެއްގައި ހޮސްޕިޓަލް އަޅަން ހުޅުވާލައިފި

ހއ. ދިއްދޫގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލްގެ ކުރެހުން--- ފޮޓޯ: ހެލްތު މިނިސްޓްރީ

ހއ. އިހަވަންދޫއާއި ނ. ކެނދިކުޅުދޫ އަދި ޅ. ހިންނަވަރުގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހޮސްޕިޓަލްގެ އިމާރާތް އަޅާދޭނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.

އެ ތިން ރަށުގައި ހޮސްޕިޓަލް ގާއިމު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އޭގެ ތެރެއިން ބައެއް ރަށްރަށުގައި ހޮސްޕިޓަލް އެޅުމަށް ބިންގާ އެޅިފަހުން ވެސް ދުވަސްތަކެއް ވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ތިން ޕްރޮޖެކްޓްގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 28 ވާ ހޯމަ ދުވަހުގެ 13:00 ގައި އެ މިނިސްޓްރީގައި ކަމަށެވެ.

އެ ތިން ރަށުގައި ހޮސްޕިޓަލް އެޅުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 690،000 ރުފިޔާ ބަހައްޓަން ޖެހެއެވެ. އަޅާ ހޮސްޕިޓަލްގެ ތަފްސީލު ތަކެއް އިއުލާންގައި ނެތެވެ.

އެ މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިން ކަމަށް ވެސް ފިނޭންސްއިން ބުނެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމު ކުރުމާއެކު އަތޮޅުތެރޭގެ ސިއްހީ ނިޒާމު ރަނގަޅު ކުރުމަކީ މިސަރުކާރުގެ ވައުދެކެވެ. އޭގެ ތެރެއިން ކުރިން ހިންގަމުން އަންނަ ބައެއް ހޮސްޕިޓަލްތައް އަޕްގްރޭޑް ކުރުމާއި އާ އިމާރާތްތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް