ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އައިއެމްއެފްގެ ލަފާތަކެއް

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓިން ލަގާޑޭ (ކ) ގަލްފުގެ ގައުމުތަކުގެ މާލީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: އޭޕީ

ދެހާސް ތޭރަ ވަނަ އަހަރު ފާސްކުރެވުނު ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާތަކެއް ހުށަހަޅައިފިއެވެ.

އެ ޖަމިއްޔާއިން ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިން އެ ގާނޫނު ދިރާސަކުރުމަށް ފަހު، ނެރުނު ފަންނީ އެހީތެރިކަމުގެ ރިޕޯޓުގައި ވަނީ މައިގަނޑު ހަ ލަފައެއް ހުށަހަޅާފައެވެ.

މި ލަފާތަކުގެ ތެރެއިން އައިއެމްއެފްއިން ވަނީ ގާނޫނުގައި ބޭނުންކުރެވޭ ހުރިހާ އިސްތިލާހުތަކުގެ މާނަ އެއް މާއްދާއެއްގެ ދަށުން ގެނައުމަށް ލަފާދީފައެވެ. މީގެ އިތުރުން ދައުލަތުގެ ދަރަނި ހިސާބުކުރުމުގައި ދައުލަތުން ދޫކޮށްފައިވާ ގެރެންޓީތައް ވެސް ހިމެނުމަށާއި، ދައުލަތުގެ ހަރަދާބެހޭ ރިޕޯޓުތަކާއި ލިޔުންތަކުގައި ލޯކަލް ކައުންސިލުތަކުގެ ހިސާބުތައް ނުހިމެނުމަށް ވެސް އެ ޖަމިއްޔާއިން ލަފާދެއެވެ.

އައިއެމްއެފުން ބުނީ ދައުލަތުން ހަރަދުކުރުމުގައި ގެންގުޅޭ ސިޔާސަތުތައް އެކަށައަޅާނެ ހަމަތަކަކާއި އުސޫލުތަކެއް އޮންނަންޖެހޭ ކަމަށެވެ. އެހެންކަމުން އެ ޖަމިއްޔާއިން ލަފާދެނީ ހަރަދަށް ޒިންމާވުމުގެ ގާނޫނު ގަވާއިދުތަކެއްގެ މައްޗަށް ބައްޓަން ކުރުމުގެ ބަދަލުގައި އެ ފަދަ އުސޫލުތަކެއްގެ މައްޗަށް ބިނާކުރުމަށެވެ.

އެގޮތުން ދައުލަތުން ހަރަދަށް ޒިންމާވުމުގައި އަމަލުކުރާނެ ހަމައާއި އުސޫލުތައް ހިމެނޭ ޗާޓަރެއް އެކުލަވާލުމަށާއި، ކޮންމެ ދެއަހަރަކުން އެއްފަހަރު އެ ޗާޓަރު ރިވިއުކުރުމަށް އައިއެމްއެފުން ހުށަހަޅައެވެ. އަދި އެ ޗާޓަރަށް ބަދަލެއް ގެނެވޭނީ ފިނޭންސް މިނިސްޓަރު އެ ބަދަލެއް ގެންނަން ބޭނުންވާ ސަބަބު ރައްޔިތުންގެ މަޖިލީހަށް ބަޔާންކޮށްދިނުމަށް ފަހުގައި ކަމަށް ހެދުމަށް ވެސް އެ ހުށަހެޅުމުގައި ވެއެވެ.

އަދި ކޮންމެ އަހަރެއްގެ ޖޫންމަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފިސްކަލް ސްޓްރެޓެޖީ ރިޕޯޓެއް ހުށަހެޅައި އެ މަޖިލީހުން އެ ރިޕޯޓު ފާސްކުރަންޖެހޭ ގޮތަށް ހެދުމަށް ވެސް އައިއެމްއެފްގެ ލަފާގައިވެއެވެ. މި ރިޕޯޓުގައި ފިސްކަލް ރިސްކް އެސެސްމެންޓަކާއި، ޓެކްސް ހަރަދުތަކުގެ އަހަރީ ރިޕޯޓެއް ހިމަނަންޖެހޭނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މީގެ އިތުރުންވެސް އައިއެމްއެފުން ވަނީ މާލީ ރިޕޯޓުތައް އާންމުކުރުމާއި އަދި މިފަދަ މައްސަލަތަކުގައި ޖަވާބުދާރީވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ގޮތްތައް ހިމެނޭ ލަފާތަކެއް މި ރިޕޯޓުގައި ހިމަނާފައެވެ.

އައިއެމްއެފުން މި ލަފާތައް އާންމުކޮށްފައި މިވަނީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑުކޮށްގެން ފައިސާ ޗާޕުކޮށްފައި ވަނިކޮށެވެ.

އެ ޖަމިއްޔާގެ ފިސްކަލް އެފެއާޒް ޑިޕާޓްމެންޓުން މި ދިރާސާ ކުރިއަށް ގެންދިޔައީ 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް