އަމިއްލަ ޚަރަދުގައި ދެ ކޮމަންޑޫ ގުޅާލަން އުޅުނިން، އެކަން ނުވީ ސަރުކާރުން ހުއްދަ ނުދިނުމުން: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އިބްރާހިމް ގާސިމް މިއަދުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ޖުމްހޫރީ ޕާޓީ

ށ. ކޮމަންޑޫ އާއި އެރަށާ އެއްފަޅެއްގައި އޮންނަ މަތިކޮމަންޑޫ އަމިއްލަ ޚަރަދުގައި ގުޅުވާލަން އޭނާ އުޅުނު ކަމަށާއި ނަމަވެސް ސަރުކާރުން ހުއްދަ ނުލިބިގެން އެކަން ނުކުރެވުނު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ށ. މަރޮށީގައި އެމްޑީޕީން މިއަދު ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ބިން ހިއްކައިގެން ދެ ކޮމަންޑޫ ގުޅުވާލުމަށް 2008 ވަނަ އަހަރު ނިންމައި އެކަން އެރަށު ރައްޔިތުންނަށް އޭނާ ހުށަހެޅި ކަމަށެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެކަމަށް ހުއްދަ ނުދިން ކަމަށް އޭނާ ވިދާޅުވިއެވެ.

"2008ގަ ކެމްޕެއިންގަ އަޅުގަނޑު ދެންނެވިން ކޮމަންޑޫގެ ރައްޔިތުން އެއްކޮށްފަ މިފަހަރު އަޅުގަނޑު މަތި ކޮމަންޑޫއާ ދަށު ކޮމަންޑޫއާ އެއްކޮށް އަޅުގަނޑުގެ އަމިއްލަ ޚަރަދުގައި އަޅުގަނޑު ހިއްކައިދޭނަމޭ ތިބޭފުޅުން ސަރުކާރުން ހުއްދަހޯދާށޭ. އެކަމު ކިހިނެއްތޯވީ. އެރަށުގެ ރައްޔިތުންނަކަށް ނުލިބުނު އެ ހުއްދައެއް،" ގާސިމް ވިދާޅުވިއެވެ.

އޭގެ 14 އަހަރުފަހުން ދެ ކޮމަންޑޫ ގުޅުވައިލުމަށް، ކޮމަންޑޫ ރައްޔިތުން ދެކޭ ހުވަފެންތަކުގައި ވަނީ ކުލަޖެހިފައެވެ. އެގޮތުން ބްރިޖަކުން ދެ ކޮމަންޑޫ ގުޅުވާލުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އަދި އެކުންފުނިން ވަނީ އެކަމުގެ އަމަލީ މަސައްކަތް ވެސް ފަށާފައެވެ.

އެ މަޝްރޫއުގެ ދަށުން މަތިކޮމަންޑުއިން 16.7 ހެކްޓަރުގެ ބިން ހިއްކައި ދެ ކޮމަންޑޫ 200މީޓަރުގެ ބްރިޖަކުން ގުޅުވާލާނެއެވެ.

މީގެ އިތުރުން މި ކެމްޕެއިން ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ރަށަށް ތަރައްގީ ގެންނަން ބޭނުންވާނަމަ އެއްބަނޑު އެއްބަފާ މީހަކު ކުރިމަތި ލިޔަސް އެމްޑީޕީގެ ކެންޑިޑޭޓް ނޫން މީހަކަށް ވޯޓު ނުދިނުމަށެވެ.

"އަޅުގަނޑު މި ދެންނެވީ އެއްބަނޑު އެއްބަފާ މީހަކު ކުރިމަތި ލީ ކަމުގައި ވިޔަސް ބައްޕަ ކުރިމަތި ލީ ކަމުގައި ވިޔަސް ދާއިރާ އާ ތަނުގެ ތަރައްގީއަށް ބޭނުންވާ ނަމަ އެހެން ޕާޓީއަކުން ކުރިމަތި ލައިފިއްޔާ ނުހޮވާށޭ،" ގާސިމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަތްފުޅުގައި ބާރު އޮތްކަން ފާހަގަ ކުރަމުން އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ބޭނުންވާނަމަ އަތޮޅުތެރޭގެ ރަށްތައް މާލެއަށްވެސް ހެދިދާނެކަމަށެވެ. އަދި ރަށުގެ ތަރައްގީ ކުރިއަރުވާ އިތުރު މަޝްރޫއުތައްވެސް ހިންގޭނީ ރައްޔިތުންގެ އަމަލުތައް އިސްލާހުކޮށްގެން ކަމަށާއި ރައްޔިތުންގެ އަމަލުތައް ބައްޓަން ކުރަން ވާނީ ސަރުކާރުގެ ހިތް ރުހޭ ގޮތަށް ކަމަށް ގާސިމް ވިދާޅުވިއެވެ.

"ތިބޭފުޅުންނަށް ރަނގަޅާ މޮޅާ ލާބަޔާ ލިބުން އަޅުގަނޑުވެސް އެދެން. ރައީސުލްޖުމްހޫރިއްޔާ ނުވަތަ މައި ސަރުކާރު ހިތުގައި ނުޖެހޭނެ ގޮތަށް ދެރަ ނުވާނެ ގޮތައް އަމަލުކުރެވިގެނޭ މިކަންތައް ވާނީ. މި ތަރައްގީ ކުރިއަށް އެރުވޭނީ އަދި މިއަށްވުރެ އިތުރު ކަންތައްވެސް ކުރެވޭނީ ތި ބޭފުޅުން އެކަން ރަނގަޅަށް ގަބޫލުކޮށްގެން އެކަން ކުރިއަށްގެންދަވަން ތިއްބެވިއްޔާ،" ގާސިމް ވިދާޅުވިއެވެ.

ދާއިރާއެއް ތަރައްގީ ވާނީ މަޖިލީހުގައި ހުންނަވާ ބޭފުޅެއްގެ ޕްލޭނާއި އެއްގޮތަށް ނޫން ކަމަށާއި އެކަން ވާނީ ރައީސުލްޖުމްހޫރިއްޔާ ކޮށްދިނުމުން ކަމަށް ގާސިމް ވިދާޅުވިއެވެ.

comment ކޮމެންޓް