ރާއްޖެއިން އަބަދުވެސް 'އިންޑިއާ ފަސްޓް' ސިޔާސަތު ދަމަހައްޓާނެ: ޝާހިދު

އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު --- ފޮޓޯ/ ޒިންހުއާ

ދިވެހިރާއްޖެއިން އަބަދުވެސް 'އިންޑިއާ ފަސްޓް' ސިިޔާސަތު ދަމަހައްޓާނެ ކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ ޖުމްހޫރި ދުވަހުގެ މުނާސަބަތުގައި ދެއްވި ކުރު ވީޑިއޯ ތަޤުރީރެއްގައެވެ.

ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، ދިވެހި ސަރުކާރުން އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ޕޮލިސީ އަށް ތައުރީފްކުރާ ކަމަށެވެ. އެގޮތުން އިންޑިއާ ފަސްޓް ޕޮލިސީގެ ސަބަބުން ދެ ގައުމަށްވެސް ފައިދާކުރާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރު މޯދީ އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން ވަރުގަދަވެފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ އިންޑިއާގެ ޤާނޫނުއަސާސީން އެ ޤައުމުގެ ބިލިއަނެއްހާ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދޭކަމަށް ވިދާޅުވެފައެވެ. އަދި ޑިމޮކްރެޓިކް އުސޫލުތަކަށް ރުޖޫޢަވަމުންދާ ޤައުމުތަކަށް އިންޑިއާގެ ޤާނޫނުއަސާސީއަކީ އުންމީދެއްގެ ގޮތުގައި ޝާހިދު ވަނީ ސިފަކުރައްވާފައެވެ.

ޝާހިދުގެ ތަޤުރީރުގައި އިންޑިއާއާއި ރާއްޖޭގެ ވަރުގަދަ ގުޅުމަށްވެސް ވަނީ އަލި އަޅުވާފައެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޚާއްސަ ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރުގަދަކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު ވެދެއްވާ އެހީތެރިކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އަދި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ހައި ކޮމިޝަނަރު މަހާވަރަށް ވަނީ ރައްދުކޮށްފައެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ޖެނުއަރީމަހުގެ 26 ވަނަ ދުވަހެވެ. ޖުމްހޫރީ ދުވަސް އިންޑިއާއިން ފާހަގަކުރަނީ 1950 ވަނަ އަހަރު އެ ޤައުމުގެ ޤާނޫނުއަސާސީ ވުޖޫދަށް އައިކަމުގެ އުފަލުގައެވެ.

comment ކޮމެންޓް