އައު އިންޑިއާއެއްގެ ހާރިޖީ ސިޔާސަތު ބިނާކުރުން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ/ އެސޯސިއޭޓެޑް ޕްރެސް

[މިއީ "އިންޑިއާ ރައިޓްސް ނެޓްވޯކް" އަދި "ސެންޓަރ ފޯ ގްލޯބަލް އިންޑިއާ އިންސައިޓްސް" ގެ ކުރީގެ ރައީސް މަނީޝް ޗާންދުގެ ލިޔުއްވުމެކެވެ. މި ލިޔުން ދިވެހިބަހަށް ތަރުޖަމާކޮށްފައި މިވަނީ ވީހާވެސް ކުޑަ ބަދަލުތަކާއެކު، ލިޔުމުގެ އަސްލު ނުގެއްލޭ ގޮތަށެވެ. މި ލިޔުމުގައިވާ ހުރިހާ ހިޔާލަކީ ލިޔުންތެރިޔާގެ ހިޔާލެވެ. މި ލިޔުމުގެ އަސްލު "ސަން"ގެ އިންޓަނޭޝަނަލް އެޑިޝަންގައި ޝާއިއު ކުރެވިފައިވާނެއެވެ.]

އިންޑިއާގެ މިނިވަންކަމަށް 75 އަހަރު ފުރި، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް އަށް އަހަރުވެފައިވާ އިރު، 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އެގައުމު މިއަދު މުޅި ދުނިޔެ ދެކެނީ އުންމީދީ، ވިލުންވެރި، އާފެށުމެއްގެ ނިޝާނެއްގެ ގޮތުގައެވެ. އަދި ދުނިޔޭގައި އިންޑިއާގެ ދަރަޖަ އުފުލި، އެ ގައުމުގެ ރައްޔިތުންނަށް އައު ފުރުސަތުތަކެއް ހޯދައިދިނުމުގައި އެގައުމުގެ ޑިޕްލޮމެސީ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.

އިންޑިއާ އަކީ ދުނިޔޭގެ ބޮޑު ބާރަކަށް ހަދައި، އެ ގައުމުގެ ރައްޔިތުންނަށް ފާގަތިކަން ގެނެސްދިނުމުގެ އިސްތިރާޖީ ލަނޑުދަނޑިއާ އެކު، ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާގެ ޑިޕްލޮމެޓިކް ހަރަކާތުގައި އިސްވެ ހަރަކާތްތެރިވެ ވަޑައިގަންނަވާފައެވެ. އިންޑިއާއިން ޒަމާންތަކަކަށް ގެންގުޅެފައިވާ ހިރާހުން އެއްކިބާވުމުގެ ސިޔާސަތު އެއްފަރާތް ކުރައްވައި، މިއަދު އެ މަނިކުފާނުގެ ސަރުކާރުގެ ޑިޕްލޮމަސީ އިން ފެންނަނީ އީޖާދިއްޔަތާއި، ހިތްވަރާއި، ހަލުވިކަމެވެ. މި ސިޔާސަތާއެކު އިންޑިއާއަށް އެގައުމުގެ އަމިއްލަ ބާރުގައި ކުރިއަރައިދިއުމުގެ އިހުތިޔާރު ވަނީ ލިބިފައެވެ.

ބޮޑުވަޒީރު މޯދީ 2014 ވަނަ އަހަރުގެ މެއި މަހުގެ 26ގައި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް އިރު، އޭގެ ކުރިން 25 އަހަރުތެރޭ ނުފެންނަ ފަދަ ބޮޑު މެންޑޭޓަކާ އެކު މަގާމަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ސިޔާސަތުގެ ތަފާތުކަން ހާމަވިއެވެ. އެ މަނިކުފާނު ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތަށް "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން އަވަށްޓެރި ހުރިހާ ގައުމަކާއި، މޮރިޝަސްގެ ވެރިންނަށް ދައުވަތު ދެއްވިއެވެ. މި ސިޔާސަތަށް ސަރުކާރުންދޭ އަހަންމިއްޔަތު ހާމަވާ އަނެއްކަމަކީ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު، ބޮޑުވަޒީރު މޯދީގެ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ބޫޓާނަށް ވަޑައިގަތުމެވެ. އެ މަނިކުފާނުގެ ބޮޑުވަޒީރުކަމުގެ ފުރަތަމަ ދެތިން އަހަރެއްތެރޭ ޕާކިސްތާން ފިޔަވާ ސާކްގެ އެހެން ހުރިހާ ގައުމަކަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ.

ދުރަށް ފޯރާ ޑިޕްލޮމެޓިކް ގުޅުންތައް

ފާއިތުވި އަށް އަހަރު އިންޑިއާއިން ވަނީ އެގައުމުގެ ޑިޕްލޮމެޓިކް ގުޅުންތައް މީގެކުރިން ނުފޯރާ ވަރަށް ދުރަށް ފޯރުވާފައެވެ. އެގައުމަށް ޒިޔާރަތް ކުރި އެހެން ގައުމުތަކުގެ އިސް އޮފިޝަލުންގެ އަދަދާއި، އެގައުމުގެ އޮފިޝަލުން އެހެން ގައުމުތަކަށް ކުރި ދަތުރުގެ އަދަދު އުޅެނީ ރެކޯޑު މިންވަރެއްގައެވެ. ކުދިބޮޑު އެންމެހާ ގައުމުތަކާ ގުޅުން ބަދަހިކުރަމުންދާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ވަނީ ބޮޑެތި ގައުމުގެ ލީޑަރުންނާ ބައްދަލުކުރެއްވި ފަދައިން، ސެއިންޓް ވިންސެންޓް އެންޑް ގްރެނަޑައިންސް ފަދަ ކުދި ގައުމުތަކުގެ ވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. އެ މަނިކުފާނު ޒިޔާރާތް ކުރެއްވި އެތައް ގައުމަކަށް އެ ޒިޔާރާތްތައްވީ އިންޑިއާގެ ސަރުކާރުގެ އެންމެ މަތީ ވެރިޔާ ކުރެއްވި ފުރަތަމަ ދަތުރުފުޅަށެވެ. ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުން ހޯދަމުން އަންނަ މަގުބޫލުކަމާއެކު، އިންޑިއާއިން ވަނީ ޕެސިފިކްގެ ޖަޒީރާތަކާއި، އަދި އެފްރިކާގެ ވެރިންގެ އެންމެ ބޮޑު އެއް މަހާސިންތާ "ސޯލާ އެލަޔަންސް"ގެ ނަމުގައި އެގައުމުގައި ބާއްވާފައެވެ.

އިންޑިއާއިން ގަލްފުގެ ގައުމުތަކާއެކު ބާއްވާ ގުޅުންތައް ނިޒާމީގޮތެއްގައި ފަރުވާތެރިކަމާއެކު ވަރުގަދަކުރެވެމުންދާ ދިއުމަކީ މޯދީގެ ސަރުކާރުގެ އެންމެ ބޮޑު އެއް ކުރިއެރުންކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ. ބޮޑުވަޒީރު މޯދީގެ ހާރިޖީ ގުޅުންތައް ހަކަތައިގެ ގޮތުން މުއްސަނދި އެ ސަރަހައްދަށް އަމާޒުކުރެއްވި ހިނދު، ސަލާމަތީ ދާއިރާއިންނާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ސަރަހައްދުގެ ބޮޑެތި ގައުމުތައް ކަމަށްވާ ސައުދީ އަރަބިއާ އާއި ޔޫއޭއީ އާއެކު ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މޯދީގެ އެންޑީއޭ ސަރުކާރުގެ އަނެއް ކުރިއެރުމަކީ އިންޑިއާގެ "ލުކް އީސްޓް ޓު އެކްޓް އީސްޓް" ސިޔާސަތުގެ ދަށުން އިރުމަތީ އޭޝިއާގެ ގައުމުތަކާއެކު ބޭއްވޭ ގުޅުންތައް ނަތީޖާ ނެރެނިވި، ވަަރުގަދަ ގުޅުންތަކަކަށް ވެފައިވުމެވެ. ދެހާސް އަށާރަ ވަނަ އަހަރު ބޭއްވުނު "އިންޑިއާ-އާސިއާން ކޮމެމޮރޭޓިވް" ސަމިޓަކީ މި ރޮނގުން ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. އެ މަހާސިންތާގައި ބައިވެރިވުމަށް އާސިއާންގެ ގައުމުތަކުގެ ހުރިހާ ވެރިން އެ އަހަރުގެ ޖުމްހޫރީ ދުވަހު އިންޑިއާއަށް ވަޑައިގެންނެވިއެވެ.

ދެހާސްއަށާރަ ވަނަ އަހަރު ބޭއްވި އިންޑިއާ އާސިއާން ކޮމެމޮރޭޓިވް ސަމިޓް -- ފޮޓޯ/ ޕްރައިމް މިނިސްޓާސް އޮފިސް ސިންގަޕޯ

ތަރައްގީއަށްޓަކައި ހާރިޖީ ގުޅުން

ބާރުވެރިކަމުގެ ކުޅިވަރުގައި ނުޖެހި، އިންޑިއާއިން ވަނީ ހާރިޖީ ގުޅުންތައް ގައުމީ ތަރައްގީ އާއި ގުޅުވާލައި، ބޭރުގެ ގައުމުތަކާ ގުޅިގެން، ގައުމު ބިނާކުރުމަށްޓަކައި ހިންގޭ ބޮޑެތި މަޝްރޫއުތަަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދާފައެވެ. މިގޮތުން، "މޭކް އިން އިންޑިއާ"، "ސްކިލް އިންޑިއާ"، "ސްމާޓް ސިޓީސް"، "ޑިޖިޓަލް އިންޑިއާ"، "ނަމާމީ ގަންގޭ"، އަދި "ސްޓާޓް އަޕް އިންޑިއާ" ފަަދަ މަޝްރޫއުތައް ހިމެނެއެވެ. ބޭރު ގައުމުތަކާ ގުޅުން ވަރުގަދަ ކުރުމުގެ ނަތީޖާ އަކީ ބޭރުގެ އިންވެސްޓްމެންޓްތައް ލިބި، ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން އުފެދި، އިންޑިއާގައި ކާރުހާނާތައް ގާއިމުކުރެވުމާއި ވަޒީފާގެ ފުރުސަތުތައް ފަހިވުމެވެ. އަދި ފެހި ހަކަތައިގެ ދާއިރާއިން އެމެރިކާއާއި، ފްރާންސް އަދި ޑެންމާކާއެކު ބޭއްވުނު ގުޅުންތަކުގެ ސަބަބުން އިންޑިއާގެ ރައްޔިތުންނަށް "ކާބަން މަދު" ދިރިއުޅުމެއް އުޅުމުގެ މަގު ވަނީ ފަހިވެފައެވެ.

ބަވަނަވަންތަ އެޖެންޑާއެއް އެކުލަވާލުން

ބަދަލުވަމުން އަންނަ ދުނިޔޭގެ އޮއެވަރާ އެއްގޮތަށް ފަރުމާކުރެވިފައިވާ އިންޑިއާގެ ހާރިޖީ ސިޔާސަތުގެ ސަބަބުން އެގައުމަކީ ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް މުހިންމު ގައުމެއްކަން ދުނިޔެއިން ބަލައިގަންނަ މިންވަރު ވަނީ އިތުރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި، ޓެރަރިޒަމާއި، ދުނިޔެ ހޫނުވުމާއި، ކަނޑުފޭރުމާއި، ބަލިމަޑުކަން އަދި ބައިނަލްއަގުވާމީ ހިންގުމުގެ ނިޒާމަށް އަންނަ ބަދަލުތައް ހިމެނެއެވެ. މި މައްސަލަތައް ދިމާވާ ފަހުން މައްސަލަ ހައްލުކުރަން އުޅުމުގެ ބަދަލުގައި، އިންޑިއާއިން އަންނަނީ ދުރާލާ، ބަވަނަވަންތަ އެޖެންޑާއެއްގެ ދަށުން ޔޫއެންއާއި، ޖީ20އާއި، ކޮޕް26 ފަދަ ބައިނަލްއަގުވާމީ މަންސަތަކުގައި ވަކާލާތުކުރަމުންނެވެ.

އިންޑިއާއިން ބައިނަލްއަގުވާމީ މައިދާނުގައި ހޯދަމުން އަންނަ މަގުބޫލުކަމުގެ އެއް ހެއްކަކީ އެ ގައުމު މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އެކެއްގައި އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރަކަށްވުމެވެ. އެ ކައުންސިލުގެ ރިޔާސަތު އެ އަހަރުގެ އޯގަސްޓު މަހު އިންޑިއާއިން ބެލެހެއްޓި ދުވަސްވަރު ފާހަގަ ކުރެވެނީ ބައިނަލްއަގުވާމީ މައިދާނުގައި އިސްވެ ހަރަކާތްތެރިވެ، "އެފެކްޓިވް މަލްޓިލެޓަރިޒަމް" ކުރިއެރުވި ދުވަސްވަރެއްގެ ގޮތުގައެވެ. މިގޮތުން، ނިއު ދިއްލީގެ ރިޔާސަތުގައި އެ ކައުންސިލުން ވަނީ އަފްގާނިސްތާނުގެ ސުލްހައާ ބެހޭ މުހިއްމު ގަރާރެއް ފާސްކޮށްފައެވެ. މި ގަރާރުގައި ގޮވާލާފައި ވަނީ އަފްގާނިސްތާނުގެ ސަރަހައްދުން އެއްވެސް ގައުމަކަށް ނުރައްކާނުކުރުމަށާއި، ޓެރަރިސްޓުންނަށް ހިމާޔަތް ނުދިނުމަށެވެ.

މިދިޔަ އޮގަސްޓު މަހު އިންޑިއާއިން ވަނީ ޔޫއެންއެސްސީގެ ރިޔާސަތާ ހަވާލުވެފަ -- ޓްވިޓާ ފޮޓޯ/ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު

އެއް މަސް ދުވަހަށް ދެމިގެން ދިޔަ ރިޔާސީ ދައުރުގެ އުސްއައްޔަކީ ކަނޑުތަކުގެ ސަލާމަތާ ބެހޭ މުހިއްމު އެއްބަސްވުމެއްގައި ސޮއިކުރެވުމެވެ. މި ރަސްމިއްޔާތުގެ ރިޔާސަތު ބެލެހެއްޓެވީ ބޮޑުވަޒީރު މޯދީއެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރަކު ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ބައްދަލުވުމެވެ. އިންޑިއާގެ ރިޔާސަތުގައި އެގައުމުން ބައިނަލްއަގުވާމީ މައްސަލަތަކުގައި ނިންމި ނިންމުންތައް ވެފައިވަނީ އެ ކައުންސިލުގެ ދާއިމީ ގޮނޑިއެއް ކަށަވަރުކުރުމުގެ ގާބިލުކަން ސާބިތުކޮށްދިން ކަމަކަށެވެ. ޓެރަރިޒަމާ މެދު އިންޑިއާގެ ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް"އެވެ. މި ސިޔާސަތުގެ ދަށުން އެ ގައުމުން ވަނީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާނެ ގުޅުންތަކެއް ގާއިމުކޮށްފައެވެ. އެހެންކަމުން ގައުމީ ސަލާމަތާ ބެހޭ މައްސަލަތައް ވަނީ އިންޑިއާގެ ހާރިޖީ ގުޅުންތަކުގެ އެންމެ މުހިއްމު މަގުސަދަށް ވެފައެވެ.

މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް

ކުރެހެމުން އަންނަ ޖިއޯ-ޕޮލިޓިކްސްގެ މަންޒަރުތަކުގެ އަލީގައި އިންޑިއާއިން ވަނީ ގިނަ ގުޅުންތަކެއް ބޭއްވުމުގެ ބްރޭންޑެއް އުފައްދާފައެވެ. މިއީ ގިނަ ނާރެހުގެ ހިޔާލުތައް އެކުލެވޭ ދުނިޔެއެއްގައި މައްސަލަތަކުގެ ދެކޮޅުގައި ތިބޭ ގައުމުތަކާ ވެސް ހަމަހަމަ ގުޅުމެއް ގާއިމު ކުރެވޭވަރަށް ގައުމުގެ އިތުބާރު ބޮޑުވަމުން އަންނަކަމުގެ ހެއްކެކެވެ.

މި ވިސްނުން، 2018ވަނަ އަހަރުގެ ޖޫން މަހު އޮތް ޝަންގްރިލާ ޑަޔަލޮގުގައި ބޮޑުވަޒީރު މޯދީގެ މިނިވަން، ހުޅުވާލެވިފައިވާ، ބާކީވުމެއް ނެތް އިންޑޯ ޕެސިފިކްގެ ތަސައްވުރުން އިތުރަށް ފާހަގަކުރެވުނުވެ. ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވަނީ އައު އިންޑޯ-ޕެސިފިކަށް އާސިއާންގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި މި ސަރަހައްދަކީ ވަކި ހާއްސަ ގައުމުތަކަކަށް އެކަނި ބަސް ބުނެވޭ "އެކްސްކްލޫސިވް ކްލަބެ"އްގެ ގޮތުގައި ސިފަކުރުން ގޯސްކުރައްވާފައެވެ. މޯދީގެ ތަސައްވުރާ އެއްގޮތަށް، ނިއު ދިއްލީ އިން ވަނީ އިންޑިއާ، އެމެރިކާ، ޖަޕާން، އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕު އުފެއްދުމުގައި އިސް ދައުރެއް އަދާ ކޮށްފައެވެ. އަދި އިންޑިއާ، އިޒްރޭލު، ޔޫއޭއީ، އެމެރިކާ ހިމެނޭ ދެވަނަ ކުއަޑް ގުރޫޕެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ވެސް ހާރިޖީ ދާއިރާއިން އެންޑީއޭ ސަރުކާރުން ވަނީ ފަހުރުވެރިވުން ހައްގު ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން އިންޑިއާ ވަނީ އެޓޮމިކް އެކްސްޕޯޓާ ބެހޭ އެންމެ ބޮޑެތި އިއްތިހާދުތަކުގެ މެންބަރަކަށް ވެފައެވެ. މިސައިލް ޓެކްނޮލޮޖީ ކޮންޓްރޯލް ރެޖީމް (އެމްޓީސީއާރު)އާއި، ވަސެނާ އެގްރިމެންޓުގެ އިތުރުން އޮސްޓްރޭލިއާ ގްރޫޕް މީގެތެރޭގައި ހިމެނެއެވެ. މި ސަރަހައްދުގައި އިންޑިއާގެ ވަނަވަރު އިތުރަށް ވަރުގަދަ ކުރަމުން، އެ ގައުމުން ވަނީ، 2017 ވަނަ އަހަރު އަސްތާނާގައި ބޭއްވުނު ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ސަމިޓުގައި އެ ހަރަކާތުގެ މެންބަރަކަށް ވެފައެވެ. އަދި މާދަމާ، މުޅިން އަލަށް، ސެންޓްރަލް އޭޝިއާ ސަރަހައްދުތަކުގެ ވެރިންނަށް ދައުވަތު ދެއްވައިގެން ވާޗުއަލް ސަމިޓެއް ބޮޑުވަޒީރު މޯދީ ކުރިއަށް ގެންދަވާނެއެވެ.

ދެހާސް ސަތާރަ ވަނަ އަހަރު އަސްތާނާގައި ބޭއްވުނު ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ސަމިޓުގައި އިންޑިއާ ވަނީ އެ ހަރަކާތުގެ މެންބަރަކަށް ވެފަ -- ފޮޓޯ/ ރަޝިއަން ޕްރެޒިޑެންޝަލް ޕްރެސް އެންޑް އިންފޮމޭޝަން ސާވިސް

އުންމީދުގެ ގުލްދަސްތާއެއް

ބަވަނަވަމުންދާ ދުނިޔޭގައި، އިންޑިއާގެ ކުރިމަގަށް ބަލައިލާއިރު ގިނަ ލަނޑުދަނޑިތަކެއް އަދިވެސް ކުރިއަށް އެބަހުއްޓެވެ. ކޮވިޑުގެ ތިން ވަނަ ރާޅާއެކު ދުނިޔޭގައި ބަލިމަޑުކަން ވަކިހިއްޕާލާފައިވާއިރު، އިންޑިއާ އިން ދައްކުވައިދެމުން އަންނަނީ އާދަޔާހިލާފު ވަރުގަދަކަމަކާއި ވިލުންތެރިކަމެކެވެ. މިހާތަނަށް އެގައުމުގެ އެއް ބިލިއަނެއްހާ އާންމުން ވެކްސިން ޖަހާފައިވާ އިރު، އިންޑިއާއިން ވަނީ "ވެކްސިން މައިތިރި" ހަރަކާތުގެ ދަށުން 100 އަށްވުރެ ގިނަ ގައުމަށް ވެކްސިން ފޯރުކޮށްދީފައެވެ. ޑާވޯސްގައި ދާދި ފަހުން އޮތް ވޯލްޑް އިކޮނޮމިކް ފޯރަމުގެ ބައްދަލުވުމުގައި ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ. "އިންޑިއާގައި ގާއިމުވެފައި އޮތް ވަރުގަދަ ޑިމޮކްރަސީ މުޅި ދުނިޔެއަށް ވަރަށް ރީތި ހަދިޔާއެއް ދީފި. [އެއީ] އުންމީދުގެ ގުލްދަސްތާއެއް. މި ގުލްދަސްތާގައި ޑިމޮކްރަސީއަށްޓަކައި ފިލާނުދާނެ އިތުބާރު ހިމެނޭ. މި ގުލްދަސްތާގައި އެކާވީސްވަނަ ގަރުނު ބާރުވެރިކުރުވާނެ ޓެކްނޮލޮޖީ ހިމެނޭ. އަދި މި ގުލްދަސްތާގައި އަހަރެމެން، އިންޑިއާ ރައްޔިތުންގެ އާދަކާދައާއި ހުނަރުވެރިކަން ވެސް ހިމެނޭ. އިންޑިއާގެ ރައްޔިތުން ދިރިއުޅޭ ގިނަ ބައްސަ، ގިނަ ސަގާފަތުގެ މާހައުލަކީ އަޅުގަނޑުމެން އެކަންޏެއް ނޫން، މުޅި ދުނިޔެއަށް ވެސް ލިބޭ ބާރެއް،" ބައިބައިވެފައިވާ ދުނިޔެއަކަށް އައު ބާރެއް މި ގުލްދަސްތާއިން ގެނެސްދޭ ގޮތް މުޅި ދުނިޔެ ބަލާނެކަން ޔަގީނެވެ.

comment ކޮމެންޓް