ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ދިރާގާއި އުރީދޫއަށް

ދިރާގާއި އުރީދޫއަށް ޕޭމަންޓް ސިސްޓަމްގެ ލައިސަންސް ދޫކުރުމަށް ބޭއްވުނު ރަސްމިއްޔަތުގެ ތެރެއިން --- ފޮޓޯ/ އެމްއެމްއޭ

ގައުމީ ޕޭމަންޓް ސިސްޓަމުގެ ގާނޫނުގެ ދަށުން ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ދިރާގާއި އޫރީދޫއަށް ދީފިއެވެ.

ގައުމީ ޕޭމަންޓް ސިސްޓަމް ރެގިއުލޭޓު ކުރާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނި ގޮތުގައި އެ ލައިސަންސް ދޫކުރީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

މީގެ ތެރެއިން ދިރާގަށް ދޫކުރީ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ލައިސަންސެވެ. އުރީދޫއަށް އިލެކްޓްރޯނިކް މަނީ ލައިސަންސުގެ އިތުރުން ރެމިޓެންސް ހިދުމަތަށް ބޭނުންވާ ޕޭމަންޓްގެ ހިދުމަތް ދިނުމުގެ ލައިސަންސް ވެސް ވަނީ ދީފައެވެ.

އުރީދޫގެ ރެމިޓެންސް ހިދުމަތަކީ އެ ކުންފުނީގެ އެމްފައިސާ މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވޭ ގޮތަށް ފަރުމާކުރެވިފައިވާ ހިދުމަތެކެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު ފާސްކޮށް، ތަސްދީގުކޮށްފައި ވަނީ މިދިޔަ އަހަރުއެވެ. މިދިޔަ ޑިސެމްބަރު މަހު އެމްއެމްއޭ އިން ވަނީ ޕޭމަންޓް ސިސްޓަމްތައް ހިންގާ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް އެދިފައެވެ.

ދިރާގާއި އުރީދޫއަށް އާ ގާނޫނުގެ ދަށުން ލައިސަންސް ދޫކުރުމާއެކު، ކުރިން އެ ކުންފުނިތަކަށް ދޫކުރި ލައިސަންސް ބާތިލުވެފައިވެއެވެ.

comment ކޮމެންޓް