ކޯޓުން ނިންމުމުން ހަނގުރާމަވެރި ސަރަހައްދުތަކަށް އުފަންވާ ކުދިން ރާއްޖެއަށް ރަޖިސްޓްރީ ކުރެވޭ ގޮތް ހަދައިފި

ދިވެހިންގެ ބަޔަކު ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމުގައި ---

ދިވެހި ރައްޔިތެއްކަމަށް ޝަރުއީ ކޯޓުން ނިންމުމުން ހަނގުރާމަވެރި ސަރަހައްދުތަކަށް އުފަންވާ ކުދިން ރާއްޖެއަށް ރަޖިސްޓްރީ ކުރެވޭ ގޮތަށް އުސޫލު އެކުލަވާލައިފިއެވެ.

ހަނގުރާމަވެރި ސަރަޙައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާބެހޭ އުސޫލު ގެޒެޓްކޮށްފައިވަނީ އިއްޔެއެވެ. އެއާ އެކު އެ އުސޫލަށް އަމަލުކުރަން ވަނީ ފަށައިފައެވެ.

ހަނގުރާމަވެރި ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހިންނަށް ލިބޭ ދަރިން ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ނުވާނަމަ އެކުދިން ރާއްޖޭގައި ރަޖިސްޓްރީވުމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ.

ނަމަވެސް އެފަދަ ސަރަހައްދަކަށް އުފަންވެފައިވާ ކުއްޖެއް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނީ, އެ ކުއްޖަކީ ދިވެއްސެއްގެ ދަރިއެއް ކަން ޝަރުއީ ކޯޓުން ނިންމުމުންނެވެ.

ކޯޓުން ގޮތެއް ނިންމާތާ ހަތަރު ދުވަސް ތެރޭގައި އެ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމުގެ މަސައްކަތް ކުރަން ޖެހެއެވެ. އެކަމުގައި އަމަލުކުރަން ޖެހޭ ގޮތާ އެހެން ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާ ތަފާތެއް ނެތެވެ. ނަމަވެސް ފޯމާއެކު ކޯޓުން މައްސަލަ ނިންމިގޮތުގެ ރިޕޯޓް ހުށަހަޅަން ޖެހެއެވެ.

އެގޮތުން އެ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ބެލެނިވެރިޔާ އައްޔަނު ކުރާ ފަރާތަކުން, އެ ފޯމް (އުފަންވުން ރަޖިސްޓަރީ ކުރުމާ އުފަންދުވަހުގެ ސެޓުފިކެޓް ހެދުމަށް އެދޭ ފޯމް) ފުރިހަމަކުރުމަށްފަހު ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ރަށްވެހިވެފައިވާ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހަމަވާ ނަމަ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އެ ކުއްޖެއްގެ އުފަންވުން އެ ކައުންސިލެއްގައި ރަޖިސްޓްރީ ކޮށްދޭން ޖެހޭނެ ކަމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ. ރަޖިސްޓްރީކޮށްދިނުމުގައި ބަލަން ޖެހޭނީ ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ މައުލޫމާތަށެވެ.

ރާއްޖޭއިން ބޭރުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވުން އަދި ބައިވަރިވާން ދިއުމަކީ ވެސް ކުށެކެވެ.

ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް ގޮސް އެތައް ދިވެހިން މަރުވެފައިވެސް އެބަ ހުއްޓެވެ. އަދި އޭގެ ތެރެއިން ސީރިއާއަށް ދިޔަ ބައެއް މީހުންގެ ހުވަފަތް ވެފައިވާ އަނބިންނާއި ޔަތީމުވެފައިވާ ދަރިން އެނބުރި ނާދެވި ރެފިއުޖީ ކޭމްޕްތަކުގައި ވަނީ ތާށިވެފަ އެވެ. އެ މީހުން ރާއްޖެ ގެނެސް ދިނުމަށް އާއިލާތަކުން ސަރުކާރުގައި ވެސް ވަނީ އެދިފައެވެ.

ހަނގުރާމަތަކަށް ގޮސްފައި އަންނަ މީހުން ރިހިބިލިޓޭޓް ކުރަން ކ. ހިންމަފުށީގައި ޑީ-ރެޑިކަލައިޒޭޝަން އެންޑް ރީހެބިލިޓޭޝަން ސެންޓަރެއް ވަނީ އިމާރާތްކޮށްފައެވެ.

ސީރިއާގައި ހާލުގައި ޖެހިފައިވާ ދިވެހި އަންހެނުންނާއި ކުޑަކުދިން ރާއްޖެ ގެނެސް އެ މީހުން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތް ކުރަން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

comment ކޮމެންޓް